ސިޔާސީ

ވިސްލްބްލޯރ ބިލް ބަލައިގަނެ ނާޒިމްގެ ބިލު ބޭރުކޮށްލައިފި


ކޮރަޕްޝަންގެ ޢަމަލުތައް ފަޅާ އަރުވާލާ، އޭގެ މަޢުލޫމާތު ހާމަކުރާ މީހުންނަށް ޙިމާޔަތް ދިނުމާގުޅޭ ގޮތުން ހުށައެޅި "ވިސްލްބްލޯރ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް" މަޖިލީހަށް ބަލައިގެންފިއެވެ. މި ބިލް ބަލައިގަތީ 75 މެންބަރުންގެ އިއްތިފާޤުންނެވެ. "ވިސްލްބްލޯރ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް" ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲއެވެ.

ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނާ އެނޫންވެސް ނޭދެވޭ ޢަމަލުތައް ހުއްޓުވައި އެތަންތަނުގައި ދެފުށް ފެންނަ ނަޒާހަތްތެރިކަން އަށަގެންނެވުމަށް "ވިސްލްބްލޯ" ކުރުމުގައި ޢަމަލުކުރާނެ އުސޫލެއް ކަނޑައަޅައި އެކަން ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށް މި ބިލްގައި ހިމަނުއްވާފައިވެއެވެ.

މި ބިލްގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދެއްކެވި ގިނަ މެންބަރުން ވަނީ މި ބިލް އަވަހަށް ފާސްކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން މި ބިލް ޤާނޫނަކަށްވެ އަމަލުކުރަން ފަށާއިރު ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް މިހާތަނަށް ފަޅައަރުވާލާފައިވާ މީހުންނަށްވެސް ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭކަން މެންބަރުން ވިދާޅުވިއެވެ. އަދި މި ޤާނޫނަކީ މާކުރިން އެކުލަވާލަންޖެހިފައިވާ ޤާނޫނެއް ނަމަވެސް މިހާތަނަށް ލަސްވެފައިވާތީ މެންބަރުން ވަނީ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ. މެންބަރުން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ގެންގުޅޭ ސަރުކާރެއްކަމަށާއި، ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދޭންޖެހޭކަމަށެވެ.

ކޮރަޕްޝަންގެ ޢަމަލުތަކާގުޅޭ މަޢުލޫމާތު ހާމަކުރާ މީހުންނަށް ޙިމާޔަތް ދިނުމާ ގުޅޭ ޤާނޫނީ ނިޒާމެއް ރާއްޖޭގައި ނެތުމުން އެފަދަ ޤާނޫނެއް އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.

ކުރީގެ ސަރުކާރުން ރާއްޖޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދަޢުލަތަށް ހޯދައިދިނުމަށް ރައީސް ޞާލިޙް ވަޢުދުވެވަޑައިގެން އެމަނިކުފާނު މިހާރުވަނީ އެމަސައްކަތް ފަށްޓަވާފައެވެ. އަދި ޤާނޫނީ ނިޒާމުގެ ތެރެއިން، އެފައިސާ ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރުމަށް ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށައެޅުއްވި ބިލް ބަލައިގަތުމަށް ފެނޭތޯވެސް ވޯޓަށް އަހާފައެވެ. މި ބިލު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ނާޒިމްގެ ބިލުގައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަލީ އިނާޔަތުގެ ގޮތުގައި 5000 ރުފިޔާއާއި 7000 ރުފިޔާއާއި ދެމެދުގެ ޢަދަދެއް ދިނުމަށް ހިމަނާފައެވެ. އަދި މި އަދަދު ބައެއް ހާލަތްތަކުގައި 9 ހާސްރުފިޔާއަށް ބޮޑުކުރުމަށްވެސް ހިމަނާފައިވެއެވެ.

މި ބިލަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ މާލީ ކަންކަމާ ގުޅޭ ބިލް ހުށައަޅާންވާނީ ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނެ ގޮތަށް ސަރުކާރާއި މަޝްވަރާކޮށްގެންކަމަށެވެ. އަހަރުގެ މެދުތެރެއިން ބަޖެޓަށް އަސަރުކުރާނެ ބިލެއް ހުށައެޅުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް މެންބަރުން ވިދާޅުވިއެވެ.