ސިޔާސީ

ސުޕްރީމް ކޯޓްގެ ޢަދަދު ހަތަކަށް އިތުރުކުރަން ފާސްކޮށްފި


ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު 7 ފަނޑިޔާރުންނަށް ބަދަލުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އިޞްލާޙު ފާސްވީ 74 މެންބަރުންގެ އިއްތިފާޤުންނެވެ. ސުޕްރީން ކޯޓްގައި މިހާތު ތިއްބަވަނީ 5 ފަނޑިޔާރުންނެވެ. އެ ޢަދަދު 7 އިތުރުކުރުމަށް ކޯޓްތަކާއި ބެހޭ ޤާނޫނަށް ހުށައެޅި އިޞްލާހު ފާސްކުރީ ދެ ފަނޑިޔާރުން އިތުރުވުން މާލީގޮތުން ދައުލަތަށް އަންނާނެ ބަދަލުތައް ފިނޭންސް މިނިސްޓްރީން އޮޅުންފިލުވުމަށްފަހުއެވެ. ފިނޭންސް މިނިސްޓްރީން ވަނީ ދެ ފަނޑިޔާރުން އިތުރުވުމަކުން އިތުރުވާ ޚަރަދުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބުރަ ނާންނާކަމަށް ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި މާލީ ހިސާބްތަކުގައި ވާގޮތުން ފަނޑިޔާރަކަށް މަހަކު ތިންލައްކަ ބާރަ ހާހަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ. އެއީ އަހަރަކު 7.5 މިލިއަން ރުފިޔާއެވެ.

މި ހަރަދުތަކުގެ ތެރޭގައި ފަނޑިޔާރުންނަށް ކާރު ހޯދުމަށާއި، ފަނޑިޔާރުންގެ އިދާރީ ކަންކަން ހަމަޖެއްސުމަށާއި، އޮފީހުގެ ސޯފާއާއި ގޭގެ ޚަރަދުތައްވެސް ވަނީ ހިމަނާފައެވެ. ބައެއް މެންބަރުން މިކަމާއި ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް ޝަރުޢީ ދާއިޜާ އިޞްލާޙުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭކަމެއްކަމަށް ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ.

ދިވެހި ތާރީޚުގައި ސުޕްރީމް ކޯޓެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނީ 18 ސެޕްޓެމްބަރ 2008 ގައެވެ. އޭރު ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަނުކުރެއްވީ 5 ފަނޑިޔާރުންނެވެ. އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އަބްދުﷲ ސަޢީދުއެވެ.

ނަމަވެސް 2010 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކޮށް، އަލުން ފަނޑިޔާރުން އައްޔަންކުރެއްވިއެވެ. އެފަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރެއްވީ އަހުމަދު ފާއިޒް ހުސައިންނެވެ.

އޭގެފަހުން އަނެއްކާވެސް ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް ބަދަލުކުރުމަށް 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ޤާނޫނު އިސްލާހުކުރިއެވެ. އެފަހަރު ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗު 5 އަށް ކުޑަކުރުމުން، މަޤާމު ގެއްލުނީ އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިންއާއި ފަނޑިޔާރު މުޢަތަސިމް އަދުނާންއެވެ. އަދި 2014 ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަނެއްކާވެސް އަބްދުﷲ ސަޢީދު އައްޔަނުކުރެއްވިއެވެ.

ނަމަވެސް ޖީނާޢީ ކުށެއްގެ ސާބިތުވުމާ ގުޅިގެން އުއްތަމަ ފަނޑިޔާރަަކަށް ހުންނެވި އަބްދުﷲ ސަޢީދު ފަނޑިޔާރުކަމުން ވަކިކޮށް، އުއްތަމަ ފަނޑިޔާރުގެ މަޤާމަށް މިހާރު އެމަޤާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ ޖޫންމަހުގެ 28 ވަނަ ދުވަހުއެވެ.