ވިޔަފާރި

އޯކާ މީޑިއާ ގްރޫޕުން ބިޒްނަސް އެކްސްޕޯއެއް ބާއްވަނީ


އޯކާ މީޑިއާ ގްރޫޕުގެ ފަރާތުން، ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ އެއް ބޭއްވުމަށް ނިންމައިފިއެވެ.

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 29 އަދި 30 ވަނަ ދުވަހު ދަރުބާރުގޭގައެވެ. މި އެކްސްޕޯގެ ޒަރިއްޔާއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކުރެވި، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އޯކާ މީޑިއާ ގުރޫޕުން ބުނެއެވެ.

މި އެކްސްޕޯގައި 4 ސަމިޓެއް ކުރިއަށްދާނެއެވެ. އެއީ މޯލްޑިވްސް ޔަންގް އެންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ވުމަން އެންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ޓެކް ސަމިޓް އަދި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓެވެ.

މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އެންމެ އެކަށީގެންވާ މާޙައުލެއްގައި ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި މި އިވެންޓުގައި ކުރިއަށްދާ ކޮންމެ ސަމިޓަކުންވެސް އެ ދާއިރާއެއްގައި ހުރި ގޮންޖެހުންތަކާއި އެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކުގެ ވާހަކަތައް އަޑުއަހާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

އޯކާ މީޑިއާ ގްރޫޕަކީ 2010 ވަނަ އަހަރުން ފެށިގެން މާރކެޓިންގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. ނަމަވެސް މި އަހަރުގެ މޭމަހު މި ކުންފުނި ވަނީ މީޑިއާއަށް ޚާއްސަ ކުންފުންޏަކަށް ބަދަލުކޮށްފައެވެ.