ވިޔަފާރި

ހެލްތް ކެއަރ ކޮންގްރެސް މިފަހަރު ރާއްޖޭގައި


"ފެއަރ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއަރ ކޮންގްރެސް" ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރާސް އެންޑް ރީއިންޝުއަރާސްގެ މި ކޮންގްރެސް ރާއްޖޭގައި ބާއްވަނީ އެލައިޑާއި އެމް.އެމް.އޭ ގުޅިގެންނެވެ.

މި ކޮންގްރެސް ބާއްވަނީ "އަ ވަރލްޑް އޮފް އޮޕޮޗިއުނިޓީޒް" ގެ ނަމުގައި ޖުލައި 22 އިން 24 ވަނަ ދުވަހުގެ ނިޔަލަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައެވެ. މިކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެލައިޑުން ބުނެއެވެ.

އެލައިޑް އިންޝުއަރަންސް ކުންފުނިން ބުނީ ސަރަހައްދީ ފެންވަރުގެ "ފެއަރ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއަރ ކޮންގްރެސް" ރާއްޖޭގައި ހޯސްޓްކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އަދި މިއީ އެލައިޑުގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެއެވެ.

ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރާސް އެންޑް ރީއިންޝުއަރާސްއަކީ 1964 ގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަސައްކަތަކީ އޭޝިއާ އަދި އެފްރިކާ ބައްރުގެ އިންޝުއަރަންސް އަދި ރީއިންޝުއަރަންސް އާއި ބެހޭ މައުލޫމާތު ގައުމުތަކުގެ މެދުގައި ބަދަލުކޮށް އިލްމީ އަދި ފަންނީ މާހިރުންގެ އެހީގައި އިންޝުއަރަންސް އިތުރަށް މުއްސަނދިކޮށް ޒަމާނީ ކުރިއެރުންތަކެއް ހޯދައިދިނުމެވެ. 20 ގައުމެއްގެ ބައިވެރިވުމާއިއެކު ފެށިގެން އައި މިޖަމިއްޔާގެ މަސައްކަތް ފުޅާވެ، މިހާތަނަށް މިޖަމިއްޔާގެ އެތަކެއް ހަރަކާތްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންގޮސްފައިވެއެވެ.