ޚަބަރު

އޯއައިސީގެ ކުއްލި ބައްދަލުވުމަކަށް ސްޓޭޓް މިނިސްޓަރު ޚަލީލް ސަޢުދީއަށް


އިސްރާއީލުން ފަލަސްތީނުގެ ޤުދުސްއަށް އަރައިގަނެ ހިންގާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، (އޯއަސީ)އިން ބާއްވާ ކުއްލި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒްސް އަހުމަދު ޚަލީލް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ފަލަސްތީނުގެ ގޮވާލުމަށް އިޖާބަދިނުމުގެ ގޮތުން ބާއްވާ މިނިސްޓަރުންގެ ފެންވަރުންގެ މިބައްދަލުވުން މާދަމާ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ފެށުމަށް ނިންމާފައިވާއިރު، މި ބައްދަލުކުރުމުގައި ފަލަސްތީނުގެ ބިންތަކަށް އިސްރާއިލުން ނުޙައްޤުން ވެރިވެގަނެ، މުސްލިމުންގެ ތިންވަނަ ހަރަމްފުޅުކަމުގައިވާ މަސްޖިދުލް އަޤްޞާގެ މައްޗަށް އަތްގަދަކުރުން ފަދަ ކަންކަމާއި މެދު ފުޅާ ދާއިރާއެއްގައި އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބޭފުޅުން މަޝްވަރާކޮށް ފަލަސްތީނުގެ ހައްޤުގައި އަޑު އުފުލުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމަކީ އޯޕަން އެންޑެޑްކޮށް ބާއްވާ އެގްޒެކެޓިވް ބައްދަލުވުމެއްކަމުން މި ބައްދަލުވުން ދެމިގެންދާނެ ދިގުމިން އަދި އެނގިފައެއް ނުވެއެވެ.

މީގެ އިތުުން ޤުދުސްގެ ސިލްވަން ސަރަހައްދުން ޔަހޫދީން އެ ސަރަހައްދުގައި އަހުވުމެރިކުރުމަށް ހުޅުވި "ޕިލިގްރަމެޖް ރޯޑް"ގެ މައްސަލައާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެ ހާސް އަހަރަށްވުރެ ގިނަ އަހަރުވެފައުވާ "ޕިލިގްރަމެޖް ރޯޑް" އިސްރާއިލުން ހޯދާފައިވަނީ މީގެ ދިހަވަރަކަށް އަހަރު ކުރިންނެވެ.

މި މަގަކީ ޔަހޫދީ ފައްޅިތަކަށް ފައިމަގުން ދަތުރުކުރުމަށް ގެންގުޅު މަގެކެެވެ. ސިލްވަން ގައި ހުޅުވި މިމަގު ހުޅުވާފައިވަނީ، އެމެރިކާގެ އިސްފަރާތްތަށް އިސްރާއިލަށް ދިއުމަށްފަހު މިމަހުގެ ކުރީކޮޅުއެވެ. މިމަގު ހުޅުވުމާއިއެކު ސިލްވަންގައި ދިރިއުޅޭ އަރަބި މުސްލިމުންވަނީ މިކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ. ނަތީޖާއެއްގެ ގޮތުން މި މައްސަލަ ބޮޑުވެ ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް މި މައްސަލަ ފަލަސްތީނު ސަރުކާރުން ވަނީ ގެނެސްފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއިލުން ލާއިންސާނީ ފިޔަވަޅުތަށް އަޅަމުންދާއިރު، އިސްރާއިލްގެ ގާތް ބައިވެރިޔާ އެމެރިކާއިން ފަލަސްތީނު ސަރަހައްދަށް ހައްލު ގެނައުމައްޓަކައި ގެންނަން އުޅޭ "ޑީލް އޮފް ދަ ސެންޗުރީ"އަށް ފަލަސްތީނާއި އިސްލާމީ ގިނަ ޤައުމުތަކަކުން ފާޑުކިޔާ މި އެއްބްސްވުން ބަލައިނުގަންނާނެ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން އެފަރާތްތަކުންވަނީ މި އެއްބަސްވުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް އެ ރައްޔިތުންގެ ހައްޤުތަށް ކަށަވަރު ނުވުމަކީ މި އެއްބަސްވުން ބަލައިނުގަންނަ މައިގަނޑު ސަބަބުކަމުގައި ހާމަކޮށްފައެވެ.