ސިޔާސީ

އެފްއައިޔޫއިން ފިޔަވަޅުއެެޅިނަމަ ބޮޑު ޚިޔާނާތް ހުއްޓުވުނީސް - ބީއެމްއެލް


އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޝައްކުކުރެވޭ މުޢާމަލާތްތައް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް، (އެފްއައިޔޫއަށް) ރިޕޯޓްކުރުމުން އެކަމަށް ފިޔަވަޅު އެޅިނަމަ ބޮޑު ޚިޔާނާތް ހުއްޓުވުނީސްކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްވެރިން މާލިއްޔަތު ކޮމިޓީގައި ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ އިސްވެރިން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ޙާޒިރުކޮށް ކޮމެޓީގެ މެންބަރުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެބޭންކުގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް ޝަރީފް ވިދާޅުވީ، ބޭންކުން މިހާތަނަށް އެކަމުގައި އަމަލުކޮށްފައިވާނީ ބޭންކިންގ ޤާނޫނާއި ޒަމާނުއްސުރެ ބޭންކުން އަމަލުކުރަމުން އަންނަ އުސޫލާ އެއްގޮތަށްކަމަށް ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީއަށް ވެގެން ވަކި ޚާއްޞަ ގޮތަކަށް އަމަލުކޮށްފައި ނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މެންބަރުންވަނީ އެމްއެމްޕީއާރުސީގެ ޗެކްތައް ޖަމާކުރެވޭނީ އެކުންފުނީގެ ބޯޑުގެ ދެ މެންބަރަކު ސޮއިކުރުމުން ކަމަށާއި، އެހެންނޫންނަމަ ފައިސާ ޖަމާނުކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީގެ ބޯޑް ރިޒޮލިއުޝަނުން ފާސްކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ޗެކްތަކުގައި އެންމެ މީހަކު ސޮއިކޮށް ފޮނުވުމުންވެސް ޗެކްތައް ޖަމާކުރީ ކީއްވެގެންތޯ މެންބަރުން ސުވާލުކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ވިދާޅުވީ، ޗެކުތަގެ އަނެއްފުށުގައި އެމްއެމްޕީއާރުސީގެ ތައްގަނޑާއި އެކުންފުނީގެ އިސްވެރިއެއްގެ ނުވަތަ އެންމެ މީހެއްގެ ސޮއި އޮތުމުން އެއީ އެންޑޯޒްކޮށްފައިވާ ޗެކެއްކަމަށް ބޭންކުން ބަލާ ކަމަށެވެ. ޝަރީފް ވަނީ ބޯޑު ލިޒޮލިއުޝަން ބޭނުންވާނީ އެކައުންޓް ހިންގުމަށް ކަމަށާއި، ޗެކް ޖަމާކުރުމަށް ބޯޑު ރިޒޮލިއުޝަނެއް ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ.

އަދި ދެ މީހެއްގެ ސޮއި ނެތްކަމުގައި ވީނަމަވެސް ޗެކް ޖަމާކޮށްދެމުން އައިކަމަށާއި އެއީ ބޭންކުން އަބަދުވެސް އަމަލުކުރަމުން އަންނަ ގޮތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޗެކް ޖަމާކުރަން ބޯޑް ރިޒޮލިއުޝަން އޮތްތޯ ބެލުން ބޭންކަށް ލާޒިމު ނޫންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޗެކް ޖަމާކުރުމުގައި ބަލަން ޖެހެނީ ޗެކް ދޫކުރި ފަރާތާއި ޖަމާކުރާ ފަރާތުގެ މައުލޫމާތުތައް ފުރިހަމަވެފައިވޭތޯ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ޖަވާބާއެކު މެންބަރުންގެ ހިތްމަނުޖެހުން އިތުރުވެގެން ދިޔަތަން ފެނިގެން ދިޔައެވެ. މެންބަރުންވަނީ އެމްއެމްޕީއާރުސީގެ ބޯޑް ރިޒޮލިއުޝަނަކުން ފާސްކޮށްފައިވަނިކޮށް ބޭންކަށް އެ ޗެކްތައް އެގޮތަށް ޖަމާނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.

ޝަރީފް ވަނީ އެ މުއާމަލާތްތަކާއި މެދު ޝައްކު ކުރެވިގެން އެމްއެމްއޭއަށް އެކަން ރިޕޯޓްކުރި ކަމަށް ވިދާޅުވެފައެވެ. އެކަން ރިޕޯޓްކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު 27 ގައިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި އެކަން ރިޕޯޓްކުރި ދުވަހުން ފެށިގެން ފިޔަވަޅު އެޅިނަމަ ބޮޑު ޚިޔާނަތް ހުއްޓުވުނީސްކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެ މުއާމަލާތްތަކާއމެދު ޝައްކުކުރެވިގެން އޭގެ މައުލޫމާތު އެމްއެމްއޭއަށްދެމުން ގެންދިޔައިން. އެ މުޢާމަލާތް ހުއްޓުވުމަށް ފުރުޞަތު ލިބުނު މި ތަޙޤްޤީކޮށް ފިޔަވަޅު އެޅިނަމަ. ރިޕޯޓްކުރި ހިސާބުން ފިޔަވަޅު އެޅިނަމަ ހުއްޓުވުނީސް." ޝަރީފް ވިދާޅުވިއެވެ.

މެންބަރުން ވަނީ އެސްއޯއެފްގެ އެކައުންޓަށް ފައިސާ ޖަމާކުރިއިރު އެ ފައިސާ ލިބުނު ގޮތެއް ސާފުކޮށް ނުދެވޭ ކަމަށް އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި އިތުރު މުއާމަލާތްތައް ކުރަން އެކުންފުންޏަށް ބޭންކުން ފުރުސަތު ދިނީ ކިއްވެގެންތޯ މެންބަރުން ސުވާލު ކުރެއްވިއެވެ.

އެސުވާލަށް ޖަވާބުދެއްވަމުން ބީއެމްއެލްގެ އިންޓެރިމް ރިސްކް އޮފިސަރ ޔާމީން އާދަމް ވިދާޅުވީ، ޝައްކު ކުރެވޭ މުއާމަލާތްތަކުގެ ހަޤީޤީ މަންފާ ލިބޭ ފަރާތްތައް ދެނެގަތުމަށްޓަކައި އެފަދަ އެކައުންޓުތައް މެދުވެރިކޮށް މުއާމަލާތް ކުރުމުގެ ފުރުސަތު ދިނުމަށް މަނީ ލޯންޑަރިންގް ޤާނޫނުގެ ދަށުން ހުއްދަކުރާ ކަމަށެވެ. ޔާމީންވެސް ވަނީ ޝައްކު ކުރެވޭ މުއާމަލާތްތައް އެފްއައިޔޫ އަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، ބޭންކުން އަމަލުކުރީ އެފްއައިޔޫގެ އިރުޝާދުގެ ދަށުން ކަމަށް ވިދާޅުވެފައެވެ.

އެސްއޯއެފް ކުންފުނީގެ ފަރާތުން އާދަޔާ ޚިލާފު ބޮޑެތި މުޢާމަލާތްތަކެއް ކުރަމުން ދިޔަކަމަށާއި، އެއީ ޝައްކުކުރެވޭ މުޢާމަލާތްތަކެއްކަން ބޭންކަށް ފާހަގަކުރެވިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)އަށް ރިޕޯޓްކުރިކަމަށާއި، އަދި އެ އެކައުންޓުން އެހެން މުޢާމަލާތެއް ނުކުރެވޭނެ ގޮތަށް އެކައުންޓް ބަންދުވެސް ކުރިކަމަށް ޔާމީން ވިދާޅުވިއެވެ.

އެ ރިޕޯޓް ބީއެމްއެލްގެ ފަރާތުން އެމްއެމްއޭއަށް ފޮނުވީ ލިޔެކިއުމުގެ ގޮތުގައިކަމަށްވެސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެމްއެމްއޭއާއި ކުރެވުނު ބައްދަލުވުންތަކާއި ފޯނުންކުރެވުނު މަޝްވަރާތަކުން އެކައުންޓައް ބަންދުކޮށް ހިފެހެއްޓޭނީ އެމްއެމްއޭއަށް ކަމަށް އެންގިކަމަށާއި، އެހިސާބުން ބަންދުކޮށްފައިވާ އެކައުންޓްތައް ދޫކޮށްލީކަމަށް ޔާމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޝައްކުކުރެވޭ މުޢާމަލާތްތައް އެމްއެމްއޭއަށް ރިޕޯޓްކުރުމުން އެއްވެސް ފިޔަވަޅެއް އެޅުމަށް އިރުޝަދު ދީފައި ނުވާ ކަމަށެވެ.

ބަންދުކޮށްފައިވާ އެކައުންޓްތައް ހުޅުވާލުމަށް އެމްއެމްއޭއިން އެންގީ ކޮންގޮތަކަށްތޯއާއި އޭގެ ލިޔެކިއުންތައް ހުންނާނެތޯ މެންބަރުން ސުވާލުކުރެއްވުމުން ޔާމީން ވިދާޅުވީ، އެ އެކައުންޓްތައް ދޫކޮށްލުމަށް އެމްއެމްއޭއިން އެންގީ ފޯނުންކަމަށާއި އެކަމުގައި ލިޔެކިއުމެއް ނުހުންނާނެ ކަމަށެވެ.

"އެމްއެމްއޭގެ އެފްއައިޔޫއަށް އެންގިން ޝައްކުކުރެވޭ މުއާމަލާތްތައް. ރިޕޯތްކޮށްފައިވާނީ.އެއަށްފަހު އެފްައިޔޫގެ އިރުޝާދާއެއްގޮތަށް އަމަލުކުރުން ލާޒިމްކުރޭ. އެ އިރުޝާދާ އެއްގޮތަށް އަމަލުކުރަމުން އައިސްފައިވާނީ. ޝައްކުކުރެވޭ އެކައުންޓް ޑިއެކްޓިވޭޓްވެސްކުރިން. ނަމަވެސް ތްރާންސެކްޝަންތައް ނުހުއްޓުވުމަށް އެފްއައިޔޫއިން އެންގީ. އަދި އެ އިރުޝާދާ އެއްގޮތަށް އަލުން އެކްޓިވްކުރީ." ޔާމީން ވިދާޅުވިއެވެ.

މެންބަރުން ވަނީ އެކައުންޓްތައް "އެކްޓިވޭޓް" ކުރުމަށް އެންގީ ކޮންބައެއްތޯވެސް ސާފްކުރުމަށް ސުވާލުކޮށްފައެވެ. ނަމަވެސް ބީއެމްއެލްގެ ފަރާތުން ވަނީ ވަކި ފަރުދެއްގެ މަޢުލޫމާތު ހާމަކުރަން އުޒުވެރިވެފައެވެ. ނަމަވެސް ކޮމިޓީގެ މުޤައްރިރު ވަނީ ޤައުމީ ސަލާމަތަށް ނުރައްކާނުވާ ފަދަ މަޢުލޫމާތުތަކެއް ނޫންކަމަށްވާނަމަ ކޮމިޓީއަށް އެ މައުލޫމާތެއް ހާމަކުރުމަށް ދަންނަވާފައެވެ.
އެހެންކަމުން ޔާމީން ވިދާޅުވީ ބަންދުކޮށްފައިވާ އެކައުންޓްތައް ހުޅުވުމަށް އެންގީ އެމްއެމްއޭގެ އެއިރުގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދާއި އެފްއައިޔޫގެ ވެރިޔާ އާޠިފް ޝަކޫރު ކަމަށެވެ.

"އެކައުންޓް ހޯލްޑް ނުކުރެވޭނެ ކަމަށް އެފްއަޔޫއިން އެންގީ. މުއާމަލާތްތަކަށް އެކައުންޓް އިންއެކްޓިވޭޓްކޮށްފައި ނުބެހެއްޓޭނެކަމަށާއި އެކައުންޓް އެކްޓިވޭޓް ކުރަންޖެހޭނެކަމަށް ނީޒާ އިމާދުގެ ފަރާތުންވެސް އަދި އާޠިފް ޝަކޫރުގެ ފަރާތުން ވެސް "އިންސްޓްރަކްޝަން"އައީ".

މި ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބީއެމްލްގެ އިޙްމާލު ބޮޑުކަމަށް މެންބަރުން ތަކުރާކޮށް ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް އެކަމަށް ޖަވާބުދެއްވަމުން ޝަރީފް ވަނީ ބީއެމްއެލްގެ އެއްވެސް މުވައްޒަފެއް އެ ހިޔާނާތުގައި ބައިވެރިވިކަން މިހާތަނަށް ސާބިތުވެފައި ނުވާކަމަށާއި، ބޭންކު މުވައްޒަފުން އަމަލުކުރަމުން އައިސްފައިވަނީ ޤާނޫނާއި ޤަވާއިދާއި ބޭންކުގައި އަމަލުކުރާ އުސޫލްތަކާއި އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ސީއީއޯ ޝަރީފް ވަނީ ބޭންކުގެ މުވައްޒަފުން ދިފާޢުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ބީއެމްއެލްގެ އެ ތުހުމަތުތައް ދޮގު ކުރައްވާ ނީޒާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އެފަދަ އެއްވެސް ލަފައެއް ބީއެމްއެލްއަށް ދީފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށްވެސް އެކަމުގެ އެއްބާރުލުން ދީފައިވާނެ ކަމަށާއި އަދި މިހާރުވެސް އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ސަރުކާރުގެ ކޮންމެ އިދާރާއަކަށްވެސް މައުލޫމާތު ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.