ވިޔަފާރި

އީ.އައި.ބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި


އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް އެހީވުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބެންކުން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.

ޔޫރަޕިއަން އިންވެސްޓްމަންޓް ބެންކް، އީ.އައި.ބީން ރާއްޖެއަށް ދިން 45 މިލިއަން ޔޫރޯ ނުވަތަ 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރުން އޮތީ، މިދިޔަ ހަފްތާގައި ކުރިއަށްދިޔަ އޭޝިއަން އިންފްރާސްޓްރަކްޗަރ ބެންކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ލަކްޒަމްބަރގްއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އީ.އައި.ބީން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރު ނުވަތަ 765 މިލިއަން ރުފިޔާގެ ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. އީ.އައި.ބީގެ ފަރާތުން ސޮއިކުރެއްވީ، އެބެންކުގެ ވައިސް ޕްރެސިޑެންޓް އެންޑުރޫ މެކްޑަވަލްއެވެ.

އީ.އައި.ބީން ރާއްޖެއަށް ދިން ލޯނުން ޚަރަދުކުރާނީ ސަރުކާރުން ކުރިއަށްގެންދާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކެވެ. އަދި މިލޯނުގެ ސަބަބުން ސަރުކާރުން ތެލާއި ހަކަތައަށް ކުރާ ހޭދައަށްވެސް ލުޔެއް ލިބިގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓަރ މިމަހުގެ 12 އިން 13 އަށް ލަކްޒަމްބާގްއަށް ކުރެއްވި ދަތުރުފުޅަކީ، އޭޝިއަން އިންފްރާސްޓްރަކްޗަރ ބެންކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުގެ ހައިސިއްޔަތުން، އެބެންކުގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިބައްދަލުވުމުގެ ތެރެއިން ފިނޭންސް މިނިސްޓަރ ވަނީ ޑިޖިޓަލް ކަނެކްޓިވިޓީއާ ގުޅޭގޮތުން ގަވަރުނަރުން ބައިވެރިވި ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެވަޑައިގެންފައެވެ. ޕެނަލް ޑިސްކަޝަންގެ ތެރެއިން ފިނޭންސް މިނިސްޓަރ ވަނީ ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ޤާއިމްކުރުމަށް ހުރި ގޮންޖެހުންތަކަށް އަލި އަޅުއްވާލައްވާފައެވެ.

މިދަތުރުފުޅުގައި ފިނޭންސް މިނިސްޓަރ ވަނީ އޭ.އައި.އައި.ބީގެ ރައީސް ޖިން ލިކުންއާ ބައްދަލުކުރައްވާ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ހޯދުމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.