ޚަބަރު

މާލޭގެ ޕާކުތަކުގެ ފައްވާރާތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ


މާލޭގެ ތަރައްޤީކޮށްފައިވާ ޕާކުތަކުގައި ހުރި ފައްވާރާތަކާއި އެތަންތަނުގެ ޕަމްޕުތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ މާލޭގެ 3 ޕާކެއްގައި ހުރި ފައްވާތާތަކާއި އެތަންތަނުގެ، ޕަމްޕްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލާކަމަށެވެ. އެ 3 ޕާކަކީ ރަސްރަނި ބަގީޗާއާއި، ޖުމްހޫރީ މައިދާނާއި، ރައިވެރިބޭ މައިޒާނެވެ.

މި 3 ތަނުގެ ފައްވާރާތަކާއި އެތަންތަނުގެ ޕަމްޕްތައް ބެލެހެއްޓުމާއި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން މިއަންނަ ބުރާސްފަތި ދުވަހު މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައިގައި އޮންނާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މަސައްކަތަށް އަގު ހުށަހެޅުން އޮންނަނީ މިމަހުގެ 25ވަނަ ދުވަހުކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

މާލޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކޮށްފައިވާ ޕާކުތައް އެންމެ އެކަށީގެންވާގޮތުގައި ނުބެލެހެއްޓޭތީ، އެކަމުގެ ކަންބޮޑުވުން ބައެއް އާއްމުން ދަނީ ފާޅުކުރަމުންނެވެ. މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، ބަޖެޓުގެ ތާށިކަމާއެކު މާލޭގެ މަގުތަކާއި ޕާކުތައް މަރާމާތުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށާ، ނަމަވެސް އެކަންކަން ސަރުކާރުގެ އެއްބާރުލުމާއެކު އެކަންކަން ކުރެވުނު އެންމެ ފުޅާމިނެއްގައި ކުރިއަށްގެންދާނެކަމަށެވެ.