ސިޔާސީ

ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރުމުގެ ހުށަހެޅުމަށް މެންބަރުން ދެކޮޅު!


އުމުރުން ދުވަސްވީ މީހުންނަށްދޭ އިނާޔަތް ދިހަ ހާސްރުފިޔާއަށް އިތުރުކުރުމަށް ހުށައެޅި ބިލަށް މަޖިލީހުގެ ގިނަ މެންބަރުން ތާޢީދުނުކުރާކަން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުގައިވަނީ އުމުރުން ދުވަސްވީމީހުންނަށް މިހާރު ދެމުން އަންނަ ޢިނާޔަތުގެ ޢަދަދު ދިހަ ހާސްރުފިޔާއަށް އިތުރުކުރުމަށެވެ.

"ޢުމުރުން ދުވަސްވީ މީހުންނަކީ ޤަރުވެރިކަމާއެކު އުޅެވޭނެ ބަޔަކަށް ހެދުމަށްޓަކާ ދައުލަތުން މިހާރު ފޯރު ކޮށްދެމުން އަންނަ ފައިސާގ ޢަދު ބޮޑު ކުރަންޖެހޭކަމަށް އަޅުގަނޑުދެކެން. މިހާރު ދެމުން އަންނަ ފަސްހާސް ރުފިޔާއަކީ ކުޑަ އަދަދެއް. ކޮމިޓިން އިތުރަށް ދިރާސާކޮށްގެންވެސް މި ޢަދަދު ބޮޑުކުރަންޖެހޭ." ޖާބިރުގެ ހުށަހެޅުމުގައި ވެއެވެ.

ޖާބިރުގެ މި ހުށައެޅުމަށް ގިނަ މެންބަރުންވަނީ ތާޢީދުނުކުރާކަމަށް ހާމަކުރައްވާފައެވެ. މެންބަރުން ވަނީ އާމްދަނީއާއި މާލީގޮތުން ގުޅުންހުރި ބިލްތައް ހުށަހަޅަންޖެހޭނީ ދައުލަތުގެ ބަޖެޓަށް ރިޔާއަތްކޮށް ސަރުކާރުންކަން ފާހަގަކުރައްވާފައެވެ.

މިބިލަށް ވާހަކަފުޅު ދައްކަވަމުން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ބަޖެޓާގުޅޭ ބިލްތައް ބަޖެޓާ އެއްގޮތަށް ހުށަހަޅާނީ ސަރުކާރުގެ ފަރާތުންކަމަށެވެ. އަދި އަހަރުގެ މެދުތެރެއިން ބަޖެޓާގުޅުންހުރި ބިލެއް ހުށަނޭޅެނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑު ގޮވާލަން މިހާރުން މިހާރަށް ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅާފައިވާ މިބިލް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމަށް. މިފަދަ މާލީ ބިލްތައް ސަރުކާރަށް ނޫނީ ހުށަނޭޅޭނެގޮތަށް ޤަވާއިދަށް އިޞްލާހު ގެންނާނަން." ޝަރީފް ވިދާޅުވިއެވެ.

މި ބިލަށް ބަހުސްކުރައްވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، ޕެންޝަނާ ބެހޭ ޤާނޫނަށް އިޞްލާޙުތަކެއް ގެނެވޭނީ ވަރަށް ބޮޑެތި ދިރާސާތަކެއް ކޮށްގެންކަމަށް. އެގޮތުން އެތައް ތަފާސްހިސާބުތަކެއް އެކޮށް ދައުލަތަށް ވަންނަ އާމްދަނީއާއި ދައުލަތުގެ ޚަރަދުތަކަށްބެލުމަށްފަހުނޫނީ ބިލް ހުށަނޭޅޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމަ ވިސްނުންފުޅަށް އަންނަ އެއްޗެއް ބިލްގަ ހިމަނާފަ މިގޮތަށް ހުށަނޭޅޭނެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ދައުލަތަށް ލިބޭ ޢާމްދަނީއާއި ދައުލަތުގެ ޚަރަދުތަކާއި އިންފްލޭޝަންއާއި ޖީޑީޕީއާއި އެތައް ކަލްކިއުލޭޝަންތަކެއް ހެދުމަށްފަހު ހުށައަޅާނީ މިފަދަ ބިލްތައް. ހަމަ ސިކުނޑިއަށް އަންނަ އަދަދެއް ކަރުދާހުގައި ޖަހަނީއެއްނޫން." އިލްޔާސް ލަބީބް ވިދާޅުވިއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ، ޢުމުރުން ދުވަސްވީމީހުންނަށާއި، ނުކުޅޭދުންތެރިކަން ހުންނަ މީހުންނަށާއި، ވަޒީފާ ނެތް މީހުންނަށް އިނާޔަތާއި ލުއި ގޮތްތައް ހޯދައިދޭނީ މިސަރުކާރުންކަމަށެވެ.

"މިއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް އިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލެއް. ވަގުތުތަކެއް ނަގާލުމަށް ކުރާ ކަންކަން. މެންބަރު ޖާބިރު ވިދާޅުވީ އެމަނިކުފާނަކީ އިދިކޮޅު ލީޑަރުކަމަށް. ނަމަވެސް އިދިކޮޅު ލީޑަރެއްގެ އެއްވެސް ސިފައެއް އެބޭފުޅާގެ ފަރާތުން ނުފެނޭ." އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް ކޮންމެ މަހަކު ދައުލަތުން އަންނަނީ ފަސްހާސް ރުފިޔާދެމުންނެވެ. ޖާބިރު ހުށައެޅުއްވި ބިލް ބަލައިގަތުމަށް ފެނޭތޯ މިއަދު އެއްގަޑި ތިރީހުގައި ވޯޓަށް އަހާނެއެވެ.