ޚަބަރު

ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 2 ޢިމާރާތެއްގެ މަސައްކަތް ހުއްޓުވައިފި


މާލޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 2 ޢިމާރާތެއްގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ހުއްޓުވައިފިއެވެ.

ހަދަމުންދާ ޢިމާރާތްތަކުން އެއްޗެހި ވެއްޓުމާއި، މަސައްކަތް ކުރާއިރު އެކަށީގެންވާ މިންވަރަކަށް ސަލާމަތީ ފިޔަވަޅުތައް އަޅާފައިނެތުމުގެ ސަބަބުން ފަހަކަށްއައިސް ހިތާމެވެރި ހާދިސާތައް ހިނގާލެއް އިތުރުވުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލާއި ޕްލޭނިންގ މިނިސްޓްރީ ގުޅިގެން ދަނީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސަލާމަތީ ކަންކަން ބަލައި ފާސްކުރަމުންނެވެ.

މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޤަވާއިދާ ޚިލާފަށް މާލޭގައި މަސައްކަތް ކުރަމުންދިޔަ 2 ޢިމާރާތެއްގެ މަސައްކަތް މިހާރު ހުއްޓުވާފައިވާކަމަށެވެ. ހަމައެހެންމެ ދުވަސްވެ ވެއްޓެން ގާތްވެފައިވާ 6 ގެއެއްގެ އިންސްޕެކްޝަން ހަދައި އެމަޢުލޫމާތު ޕްލޭނިންގ މިނިސްޓްރީއާއި މިހާރު ހިއްސާކުރައްވާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.

ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން ޢިމާރާތްކުރުމުގައި ހިފަހައްޓަންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައަޅާ، ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅޭ ސަލާމަތީ މިންގަނޑުތަކުގެ ޤަވާއިދެއް މިއަހަރުގެ ތެރޭގައި ވަނީ އެކުލަވާލާފައެވެ.

މި ޤަވާއިދުގައި ކޮންޓްރެކްޓަރު ނުވަތަ ޢިމާރާތް ކުރާ ފަރާތުގެ އާންމު ޒިންމާތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން ކޮންޓްރެކްޓަރާ ހަވާލުވެފައިވާ މަސައްކަތަކީ، އެއް މިލިއަން ފަސްސަތޭކަހާސް ރުފިޔާއަށްވުރެ ބޮޑު އަގެއްގެ މަސައްކަތެއްނަމަ، މަސައްކަތުގައި ހަރަކާތްތެރިވާ އެފަރާތުގެ މުވައްޒަފުންނާއި، އާންމުންގެ ސަލާމަތީ ކަންކަމާއި ޞިއްޙަތު ރައްކާތެރިކުރާނެ "ސޭފްޓީ އެންޑް ހެލްތު" ނުވަތަ ސަލާމަތީ ކަންކަމާއި ޞިއްޙީ ކަންކަމާ ގުޅޭ މަޢުލޫމާތު ކަރުދާހެއް ނުވަތަ އަތްމަތީ ފޮތެއް އެކުލަވައިލަންޖެހެއެވެ. އަދި އެކަރުދާހުގައިވާ ގޮތަށް މުވައްޒަފުންނަށް ތަމްރީނުދީ، އެ ކަރުދާހުގައިވާ ކަންކަން ތަންފީޛުކުކުރަންޖެހޭނެ ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.

ޢިމާރާތްކުރުމުގެ މަސައްކަތުގައި ގެންގުޅޭ ތަކެތި ބޭނުންކުރުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ގުދަންކުރުމުގައި، އެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި އާންމުންގެ ސަލާމަތީ ކަންކަމާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާ ހުރިހާ އިންތިޒާމެއް ފުރިހަމަކުރަންޖެހޭނެ ކަމަށްވެސް މި ޤަވާއިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދުވަސްވެ ހަލާކުވާން ކައިރިވެފައިވާ އިމާރާތްތައް ރިޕޯޓްކުރުމަށް ޕްލޭނިންގ މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލުން ވަނީ އާއްމުންގެ ކިބައިން އެދިފައެވެ.