ކުޅިވަރު

ނަތީޖާއަށް ވުރެ ބޮޑަށް ބޭނުމީ ކުރިމަގަށް ޒުވާން ޓީމުތައް ބިނާ ކުރަން: ބައްސާމް


ނަތީޖާއަށް ވުރެ ބޮޑަށް ވިސްނުން ހުރީ ކުރިމަގަށް ޒުވާން ޓީމްތައް ބިނާ ކުރަން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މިމަހުގެ 20 އިން 29 އަށް އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތަށް ވަމުންދާ ތައްޔާރީ ތަކާއި ގުޅޭ ގޮތުން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބައްސާމް ވިދާޅުވީ މިއީ އަތޮޅުތެރޭގައި އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ ކުރިމަގަށް ޒުވާން ޓީމްތައް ތައްޔާރު ކުރުމަށް ރަނގަޅު މެޗްތަކެއް ލިބި ވަރުގަދަ ޓީމްތައް ބިނާ ކުރުން ކަމަށެވެ.

"މުބާރާތަށް މިއަންނަނީ، ލެޓްވިއާ ސައުދި އަރަބީއްޔާ އަދި ބޫޓާން. އޭގެ ތެރެއިން ލެޓްވިއާ އަދި ސައުދި އަރަބީއްޔާ އެއީ ވަރުގަދަ ދެޤައުމު. މުބާރާތުގައި އަޅުގަނޑުމެންގެ ބޭނުމަކީ މިމުބާރާތުގައި ނަތީޖާއަސް ވުރެ ބޮޑަށް، އަޅުގަނޑުގެ ވިސްނުން ހުރީ، އަޅުގަނޑުމެންގެ ޒުވާން ޓީމްތަށް ކުރިމަގަށް ޑިވެލޮޕްވެގެން ދިއުން. ވަރުގަދަ މެޗްތަކެއް ލިބި ވަރުގަދަ ބަޔަކާއި އެކު ކުޅެ، އިރާދަ ކުރެއްވިއްޔާ އަންޑަރ ނައިންޓީން ނުވަތަ 23 އަހަރުން ދަށަށް އެކުދިންނަށް ދެވޭއިރުގަ ރަނގަޅު ވަރުގަދަ ޓީމްތަކަށްވެ މި ޓީމް ތަށް ބިނާވެގެން ދިއުން." ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ، މިފަދަ މުބާރާތެއް އައްޑޫގައި ކާމިޔާބު ކަމާއި އެކު ބޭއްވިގެން ދިއުމަކީ ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގައި އިންޓަނޭޝަނަލް މުބާރާތެއް ބޭއްވުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމުގައެވެ. އަދި މިގޮތަށް ބޭއްވޭ މުބާރާތްތަކުގެ ސަބަބުން ތަރައްޤީވެގެން ދަނީ ފުޓްބޯޅަ އެކަނި ނޫންކަމަށާއި އެމުބާރާތެއް ބާއްވާ ސަަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުމަށް ވެސް ފުރުސަތު ލިބިގެން ދާނެ ކަމުގައެވެ.

މީގެ އިތުރުން މިފަދަ މުބާރާތްތައް ޔޫއޭފާ ނުނަސް އެހެން ބެނާތަކުގެ ދަށުންވެސް ކުރިއަށް ގެންދަން ނިންމާފައިވާއިރު، އަތޮޅުތެރޭގައި އިންފްރާސްޓްރަކްޗާރ ތަރައްޤީ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އައްޑޫގައި އެންމެ ފުރަތަމަ މުބާރާތެއް ބާއްވަން ނިންމީ، އެފަދަ އިންފްރާސްޓަކްޗާއެއް އައްޑޫގައި ޤާއިމުވެ އޮތުމުން ކަން ބައްސާމް ފާހަގަ ކުރެއްވިއެވެ.

މިބައްދަލުވުމުގައި އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިޤް ވިދާޅުވީ އައްޑޫ ސިޓީ މުބާރާތައް ވަރަށް ފުރިހަމައަށް ތައްޔާރު ވަމުންދާ ކަމަށެވެ. އެގޮތުން ސްޓޭޑިއަމުގެ މަރާމާތުގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް މޭޔަރ ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ މުބާރާތަށް އައްޑޫގެ ހުރިހާ މުއައްސަސާ އަކުން ވެސް އެންމެ ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށެވެ.

އައްޑޫގައި މި ހަފްތާގެ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ބައިވެރިވާ ޓީމްތައް މިމަހުގެ 18ގައި އައްޑޫ އަށް އައުމަށް ހަމެޖެހިފައިވާ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.