ތަޢުލީމު

ހުޅުމާލޭގައި އިތުރު ސްކޫލެއް ޢިމާރާތްކުރަނީ


ހުޅުމާލޭގައި އިތުރު ސްކޫލެއް އެޅުމަށް ނިންމާ، އެ ސްކޫލް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ހުޅުމާލޭގައި އައު ސްކޫލްއެއް ޑިޒައިންކޮށް، ކުރެހުމާއި ބީ.އޯ.ކިއު އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާކަމަށެވެ. އަދި މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން މިމަހުގެ 25 ވަނަ ދުވަހު އޮންނާނެކަމަށާއި، ބިޑް ހުޅުވުން އޮންނަނީ އޯގަސްޓްމަހުގެ 1 ވަނަ ދުވަހުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ހުޅުމާލޭގައި އައު ސްކޫލެއް އިމާރާތްކުރުމަށް ނިންމާފައިވާއިރު، މިހާރުވެސް ހުޅުމާލޭގައި ސަރުކާރުގެ ފަރާތުން އަންނަނީ 3 ސްކޫލެއް ހިންގަމުންނެވެ. އެއީ ޣާޒީ ސްކޫލާއި، ރެހެންދި ސްކޫލުގެ އިތުރުން މި އަހަރު އަލަށް ހުޅުވި ހުރަވީ ސްކޫލެވެ. މި 3 ސްކޫލުގެ އިތުރުން އިންޓަރނޭޝަނަލް ސްކޫލަކާއި، ޕްރީ-ސްކޫލެއްވެސް ހުޅުމާލޭގައި އަންނަނީ ހިންގަމުންނެވެ.

ހުޅުމާލޭގައި އިތުރުވަމުން އަންނަ އާބާދީއާއެކު ކޮންމެ ނެއިބަރ-ހޫޑެއްގައި ސްކޫލެއް އިމާރާތްކުރުމަކީ ސަރުކާރުގެ ވިސްނުމެކެވެ.