ސިޔާސީ

ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


ޖުޑީޝަލްސް ސާރވިސް ކޮމިޝަން، ޖޭއެސްސީއަށް އާންމުންގެ ތެރެއިން ޢައްޔަންކުރާ މެންބަރުކަމަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.

ޖޭއެސްސީއަށް ޢާންމުގެ ތެރެއިން މެންބަރަކު ޢައްޔަންމިކުރަނީ އެ ކޮމިޝަންގައި މިހާރު އިންނެވި ގ.އަސްމަހި، އަބްދުލް ހަންނާން އަހުމަަދުގެ ދައުރު ހަމަވެފައިވާތީއެވެ. ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލާފައިވަނީ މިމަހުގެ 24ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމާއި ހަމައަށެވެ. ޖޭއެސްސީއަށް ޢާންމުންގެ ތެރެއިން ޢައްޔަންކުރާ މެންބަރުގެ ދައުރަކީ ފަސް އަހަރުދުވަހެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރުފިޔަވާ ސްޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން އެކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅާ މީހަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަންޑައަޅުއްވާ މެންބަރެއްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ދައުލަތުގެ ބަންޑާރަ ނައިބެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ޖޭއެސްސީގެ މަސަކަތްތައް މިހާރު ފުޅާވެފައިވާކަމަށެވެ. އަދި އެ ކޮމިޝަންގެ މަސައްކަތްތައް ވަރަށް މުހިންމުވެފައިވާކަމަށާއި ރައްޔިތުންގެ ފަރާތުން އެ މަގާމަށް ބޭފުޅެއްގެ ނަން ހުށަހަޅުއްވާއިރު އެ ބާރުމިނުގައި މަސައްކަތް ކުރެވޭ ބޭފުޅެއްގެ ނަން ހުށައެޅުމަށް ރައީސް ނަޝިދު ވަނީ އެދިވަޑައިގެންފައެވެ.