ސިޔާސީ

ޕްރައިވެޓައިޒޭޝަން ބޯޑު އަލުން އެކުލަވާލަން ރައީސްއަށް ލަފާދޭން ކޮމިޓީން ނިންމައިފި


ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަލުން އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މައްސަލަ ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ކުންފުނިތަކާއި ބެހޭ ކޮމިޓީ "ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް" ކޮމިޓީން ނިންމައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރުން ޢައްޔަންކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ކޮމިޓީގެ މެންބަރުން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޕްރައިވެޓައިޒޭޝަން ބޯޑަށް މެންބަރުން ޢައްޔަންކުރައްވާފައިވާއިރު އެބޯޑަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައެއްނުވާކަމަށް ވިދާޅުވެފައެވެ. އަދި ޤާނޫނުގައި ބުނާގޮތުން ބޯޑުގައި 7 މެންބަރުން ތިއްބަވަންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު މިހާތަނަށްވެސް އެ ބޯޑުގައި ތިއްބެވި ފަސްމެންބަރުން ތިއްބަވާ ޤާނޫނުން މަތިކޮށްފައިވާ ޒިންމާ ފުރިހަމައަށް އަދާކުރަމުން ނުދާކަމަށް ވިދާޅުވެފައެވެ.

ކޮމިޓީގެ މެންބަރުން ވަނީ މަޖިލީހުން ރުހުން ނުދޭ ބޯޑަކުން ކުންފުނިތަކަށް މެންބަރުން ލުމަކީ ކަންބޮޑުވާކަމެއްކަމަށް ވިދާޅުވެފައެވެ. މެންބަރުންވަނީ ޕީސީބީގެ މެންބަރުންގެ ޒިންމާ އަދާނުކުރާކަމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވާކަމަށްވެސް ވިދާޅުވެފައެއެވެ.

އެހެންކަމުން ކޮމިޓީގެ މެންބަރުންވަނީ މަޖިލީހުގެ ރުހުންނެތް ބޯޑެއް ބޭއްވުމުގެ ބޭނުމެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ބޯޑު އަލުން އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް މައްސަލައެއް ކޮމިޓީގެ ތަޅުމަށް ހުށައެޅުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ. މިގޮތަށް ފާސްކުރީ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އެކުލެވިގެންވަނީ ބޯޑުގެ ރައީސާއި ނައިބުރައީސާއެކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ޖުމްލަ 7 މެންބަރުންގެ މައްޗަށްކަމަށެވެ. އަދި ބޯޑުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މެންބަރުން ޢައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ވާނެކަމަށްވެސް ބުނެފައިވެއެވެ. ޕްރައިވެޓައިޒޭޝަން ބޯޑު މެންބަރުންގެ ދައުރަކީ 4 އަހަރެވެ.