ވިޔަފާރި

ސިންގަޕޯރ އެއަލައިންސްގެ ޑްރީމްލައިނަރގެ ދަތުރުތައް ރާއްޖެއަށް ފަށަނީ


ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު މަތިންދާބޯޓުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޯރ އެއަލައިންސްގެ 787 ޑްރީމްލައިނަރގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ސިންގަޕޯރ އެއަރލައިންސްއިން ބުނާގޮތުން އަންނަ ސެޕްޓެމްބަރުމަހުގެ އެއްވަނަ ދުވަހުން ސިންގަޕޯރ އެއަރލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތަަކުގައި ޑްރީމްލައިނަރގެ މަތިންދާބޯޓުތައް ބޭނުންކުރަން ފަށާނެއެވެ.

ސިންގަޕޯރ އެއަލައިންސްގެ ޑްރީމްލައިނަރގެ ދަތުރުތައް ރާއްޖެއަށް ފަށާފައި މިވަނީ މިމަހުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ސިންގަޕޫރުގެ ޓްރާންސްޕޯޓު މިނިސްޓްރީއާއެކު ދެޤައުމުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުންތައް ހަރުދަނާކުރުމުގެ ގޮތުން ސޮއިކުރި އޯޕަން ސްކައި އެގްރީމަންޓްގެ ދަށުންނެވެ.

ސިންގަޕޯރ އެއަލައިންސްގެ ޑްރީމްލައިނަރ މަތިންދާބޯޓަށް ބަލާލާއިރު، ބިޒްނެސް ކްލާހުގައި ޖާގަ ތަނަވަސް 30 ކެބިން ހިމެނެއެވެ. އިކޮނޮމީ ކްލާހަށް ބަލާއިރު އިކޮނޮމިކް ކްލާހުން ވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތައް ލިބެން ހުރެއެވެ.

އަންނަ ސެޕްޓެމްބަރުމަހު ޑްރީމްލައިނަރގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެފައިވާއިރު މިއީ ބޮއިންގ ސެވަން އެއިޓް ސެވަން ޓެން މަރުކައުގެ ޑްރީމްލައިނަރއެއް ރާއްޖެއަށް ދަތުރުކުރާ ފުރަތަމަ ފަހަރެވެ.

ސިންގަޕޯރ އެއަރަލައިންސްއިން ރާއްޖެ ފުރަތަމަ ދަތުރުފަށާފައި ވަނީ 1984 ވަނަ އަހަރުއެވެ. ސިންގަޕޯރ އެއަރލައިންސްގެ އިތުރުން، ސިންގަޕޯރގެ އެއަރލައިންތައްކަމަށްވާ ސިލްކް އެއަރ އަދި ފްލައި ސްކޫޓުންވެސް ރާއްޖެއަށް ދަތުރުތައް ބާއްވައެވެ.