ޚަބަރު

ސްޓިކަރ ޖަހަނީ ޕާކުކުރާނެ ތަން ދައްކާފަ - މިނިސްޓަރ ނަހުލާ


ޤަވާއިދާ ޚިލާފަށް ޕާކުކުރާ ސައިކަލުގައި ސްޓިކާ ޖަހަން ފެށީ ޕާކު ކުރާނެ ތަންތަން ދައްކާފައިކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މިވީ ދުވަސްތަކުގައި ޕާކު ކުރާނެ ތަންތަން އިތުރުކޮށްފައިވާކަމަށެވެ. އަދި އިތުރު ތަންތަން ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނޫސްވެރިންނަށް މުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ ސްޓިކަރ ޖަހަނީ މަގު ބޭނުންކުރާ މީހުންނަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ކަމަށެވެ. އެގޮތުން މިހާރު ސްޓިކަރ ޖަހަނީ ކަފިހި ހުރަސްފަދަ ތަންތަނުގައާއި، މީހުންނަށް ހިންގަން ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އުޅަނދުތަކުގައި އެކަނި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ސްޓިކަރ ޖަހަނީ ޕާކުކުރާނެ ތަންތަން ދައްކާފައި. އަދި ވަރަށް އުންދަގޫވާގޮތަށް ބަހައްޓާފައި ހުންނާއި ޖަހަނީ. މިހާރު ފުލުހުން ސްޓިކަރ ޖަހަނީވެސް އުޅަނދު ބަހައްޓާފައި ހުންނަ ގޮތުގެ ފޮޓޯ ނެގުމަށްފަހު." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

އުޅަނދުތައް ޕާކު ކުރާނެ ޖާގަ ނުދައްކައި، އުޅަނދުތަކުގައި ސްޓިކަރ ނުޖަހާނެކަމަށް މީގެކުރިން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ގިނަ އަދަދެއްގެ އުޅަނދުތަކުގައި ފުލުހުންވަނީ ސްޓިކަރ ޖަހާފައެވެ. އެގޮތުން ޖުމްލަކޮށް ކޮންމެ ހަފްތާއަކު 800އާއި 1000އާއި ދެމެދުގެ އުޅަނދުތަކުގައި ސްޓިކަރ ޖަހާފައިވާކަން ފުލުހުން ކޮންމެ ހަފްތާއަކު ނެރޭ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދު ފަހަރަކުތައް ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250 ރުފިޔާއިންނެވެ. ދެވަނަ ފަހަރު އެ އަދަދު 500 ރުފިޔާއަށް އިތުރުވެއެވެ. އަދި އޭގެ ފަހުން ސްޓިކާ ޖަހާ ކޮންމެ ފަހަރަކަށް 750 ރުފިޔާ ނަގައެވެ.