ޚަބަރު

ދިވެހިރާއްޖެއަކީ ޖުޒާމު ބަލި ނެތް ޤައުމެއްގެ ގޮތުގައި ކަނޑައެޅުމުގެ ފްރޭމްވޯކް އިފްތިތާހުކޮށްފި


2030 ގައި ދިވެހިރާއްޖެއަކީ ލެޕްރަސީ ނުވަތަ ޖުޒާމު ބަލި އެއްވެސް ގޮތަކަށް ނެތް ޤައުމެއްގެ ގޮތުގައި ކަނޑައެޅުމުގެ ފްރޭމްވޯކް އިފްތިތާހު ކޮށްފިއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެެއްގައި މި ފްރޭމްވޯކް އިފްތިތާހު ކޮށްދެއްވާ ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕަލް ސިންގްއެވެ.

މީޑިއާއަށް މައުލޫމާތުދެއްވަމުން ހެލްތް ޕްރޮޓަކްޝަން އޭޖެންސީ އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނިޝާން އަޙްމަދު ވިދާޅުވީ ކުރިން ވަރަށް ބޮޑަށް މި ބަލި ފެތިރިފައިވީނަމަވެސް މިހާރު މި ބަލި ވަރަށް ބޮޑަށް ނައްތާލެވިފައިވާކަމަށެވެ. އަދި އަމާޒަކީ 2023ގައި ރާއްޖޭގެ 100 ރަށަކީ މި ބަލި ނައްތާލެވިފައިވާ ރަށްރަށަށް ހެދުމާއި 2030 ގައި މުޅި ރާއްޖެއިން މި ބަލި ނައްތާލުން ކަމަށެވެ.

ޖުޒާމް ބައްޔަކީ 1982ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވަރަށް ގިނައިން ފެތުރެމުންއައި ބައްޔެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް އޭރު ކޮށްފައިވާ ބުރަ މަސައްކަތުން އެބަލި 1997 ގައި ވަރަށް ބޮޑުތަން މަދުކުރެވިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން އެ މަސައްކަތައް އިތުރު ހަރުދަނާ ކަމެއް ގެނައުމަށް މިއަދު މިވަނީ ޖުޒާމު ބަލި ނެތް ޤައުމެއްގެ ގޮތުގައި ކަނޑައެޅުމުގެ ފްރޭމްވޯކް އިފްތިތާހު ކޮށްފައިވެއެވެ. މި ފްރޭމްވޯކްގެ ދަށުން ރާއްޖެއިން ޖުޒާމްބަލި މުޅިން ނައްތާލުމަށް މިނިސްޓްރީން ވަނީ އަމާޒުހިފާފައެވެ.

ޖުޒާމުބަލި ރާއްޖެއިން ނައްތާލުމާ ގުޅޭ ފްރޭމްވޯކު އިފްތިތާހު ކުރުމަށް މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަރްވިންދް މާތުރް އާއި މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި، އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.