ވިޔަފާރި

ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު މަޝްވަރާކުރައްވައިފި


ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން، ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާއާއެކު ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި 2 ބޭފުޅުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ޗައިނާގައި ކުރިއެރުވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ އިތުރުންވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ވަނީ ޗައިނާގެ ސަފީރާ ހިއްސާކޮށްފައެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު މާކެޓެކެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 5 މާކެޓްގެ ތެރޭގައި ޗައިނާ ހިމެނެއެވެ. މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ޗައިނާއިން ރާއްޖެއަށް ސަތޭކަ ސޯޅަ ހާސް ދުއިސައްތަ އަށްޑިހަ ދެ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރުވުމެކެވެ.

ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ކައުންޓަރ ޓެރަރިޒަމް ކޯރޑިނޭޓަރ އޮފް ޔޫރަޕިއަން ޔޫނިއަންއާއި، އީޔޫގެ އެންބެސެޑަރާާވެސް ބައްދަލުކުރައްވާ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.