ސިޔާސީ

އިދިކޮޅު ފަރާތްތަކަށް ރަސްމީކޮށް މަޝްވަރާއަށް ދައުވަތު ދީފި


އިދިކޮޅު ފަރާތްތަކާއިއެކު
ސަރުކާރުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާނީ ތިން ކަމެއްގެ މައްޗަށް
ކަމަށާއި، މަޝްވަރާއަށް ވަޑައިގަތުމަށް އެފަރާތްތަކަށް ރަސްމީކޮށް ދަޢުވަތު ދެއްވާފައިވާކަމަށް
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުޢާޒް އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް
އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް
އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުޢާޒް އަލީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން
މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމިން ކުރެއްވި އިލްތިމާސް
ތަކުރާރު ކުރެއްވުމުގެވެސް މައިގަނޑު ބޭނުމަކީ ޤައުމުގެ އަމާންކަމާއި ރައްޔިތުންގެ
ލާބަޔާ މަންފާއަށްޓަކައި މަސައްކަތް ކުރެއްވުންކަމަށެވެ.

މަޝްވަރާއަށް
ވަޑައިގަތުމަށް ރައީސް އޮފީހުގެ ފަރާތުން އިދިކޮޅު އެމް.ޑީ.ޕީ، ޖުމްހޫރީ ޕާޓީ އަދި
އަދާލަތު ޕާޓީއަށް ރަސްމީކޮށް މިއަދު ސިޓީ ފޮނުވާފައިވާކަމަށާއި، މި ތިން
ޕާޓީއާއިއެކުވެސް މަޝްވަރާ ކުރައްވާނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ކަމަށް
މުއާޒް ވިދާޅުވިއެވެ. އެގޮތުން މި މަޝްވަރާތަކުގެ ތެރޭގައި، ސިޔާސީ ގޮތުން އުފެއްދިފައިވާ
ހިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން ޤާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމާއި،
ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ހަރުދަނާކުރުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން
މަސައްކަތްކުރުމުގެ އިތުރުން ޤައުމާއި ރައްޔިތުންގެ ތަރައްޤީއަށްޓަކައި ސަރުކާރުން
ހިންގާ މަޝްރޫޢުތަކުގައި ސިޔާސީ ހުރިހާ ފިކުރެއްގެ ފަރާތްތަކުގެ ބައިވެރިވުން
ހޯދެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް މުއާޒް ވިދާޅުވިއެވެ.









މުޢާޒް ވިދާޅުވީ،
މަޝްވަރާއަށް ވަޑައިގަތުމަށް އިދިކޮޅުފަރާތްތަކަށް ސަރުކާރުން ދައުވަތު ދީފައިވާއިރު
އެއްވެސް ސިޔާސީ ޕާޓީއަކުން މިހާތަނަށް އައިއިރު، އެއްވެސް ޝަރުތުތަކެއް
ރަސްމީކޮށް ހުށައަޅާފައިނުވާކަމަށެވެ. އަދި މި މަޝްވަރާތައް ކުރައްވާނެ ވަކި ތާރީޚެއް
ސަރުކާރުން ނިންމާފައިނުވާކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިދިކޮޅު
ފަރާތްތަކާއިއެކު މަޝްވާރާ ކުރެއްވުމަށް ސަރުކާރުގެ ފަރާތުން މަންދޫބޫން މިހާރު
ކަނޑައަޅުއްވާފައިވާކަމަށެވެ. އެގޮތުން އެމް.ޑީ.ޕީއާއެކު ސަރުކާރުގެ ފަރާތުން މަޝްވަރާކުރައްވާ ބޭފުޅުންގެ ތެރޭގައި
ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އިތުރުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު
ޝައިނީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވައެވެ.
އަދި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއެކު މަޝްވަރާކުރެއްވުމަށް ސަރުކާރުން
ކަނޑައަޅުއްވާފައިވާ ބޭފުޅުންގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބާއި، ހައުސިން
މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒާއި، އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤު އިބްރާހިމްގެ
އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސެއިން ޝަރީފް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން މުޢާޒް ވިދާޅުވީ، މި މަޝްވަރާތަކުގައި އިދިކޮޅު ފަރާތްތަކުން
ޤާނޫނާއި ޚިލާފު ކަންކަމަށް ގޮވާލާ ޝަރުތައް ކުރާނަމަ، އެކަމުގައި ސަރުކާރަށް
ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށާއި، ސަރުކާރުން އަބަދުވެސް މަސައްކަތް
ކުރައްވަމުންދާނީ ޤާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް
ކުރެއްވުމަށްކަމަށެވެ.