ސިޔާސީ

"ބީއެމްއެލްއިން ފުލުހުން ހޯދަންބޭނުންވާ މަޢުލޫމާތު ހޯދުމުގައި ދަތިތަކެއް"


ފުލުހުން ތަޙްޤީޤްކުރަމުންދާ މައްސަލަތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ހޯދަން ބޭނުންވާ ބައެއް މުޢާމަލާތްތަކުގެ ހިސްޓްރީ ހޯދުމަށް ދަތިތަކެއް ކުރިމަތިވާން ފަށާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ޚިޔާނުގެ މައްސަލާގައި ފުލުހުންގެ ފަރާތުން މަޢުލޫމާތު އޮޅުންފިލުިވުމަށް މިއަދުވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މޯލްޑިވްސް ޕޮލިސް ސާރވިސް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ކޮމިޓީ ބައްދަލުވުމުގައި މެންބަރުންވަނީ އެމްއެމްޕީއާރުސީގެ ތަޙްޤީޤްކުރިއަށް ގެންދިއުމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ހުރަސްއަޅާތޯ ނުވަތަ މަޢުލޫމާތު ހޯދުމުގައި ދަތތިތަކެއް ހުރިތޯ ތަކުރާރުކޮށް ސުވާލުކޮށްފައެވެ.

އެސުވާލުތަކަށް ޖަވާބުދެއްވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވީ، މިއަހަރު ފެށުނުފަހުން ދައުލަތުގެ އެއްވެސް އިދާރާއަކުން މަޢުލޫމާތު ހޯދުމުގައި ދަތިތަކެއް ނެތްކަމަށެވެ. ނަމަވެސް ދާދިފަހުން ހައިކޯޓުން ކޮށްފައިވާ ހުކުމަކާއި ގުޅިގެން ބޭންކް އޮފް މޯލްޑީވްސް އިން ފުލުހުން ހޯދަންބޭނުންވާ ބައެއް މުޢާމަލާތްތަކާއި ގުޅުންހުރި މަޢުލޫމާތު ހޯދުމަށް ކޯޓް ޢަމުރު ބޭނުންވާނެކަން ސިޓީއަކުން އަންގާފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ. ނަމަވެސް ބޭންކް ތަކާއި ބެހޭ ޤާނޫނާއި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ތަޙްޤީޤީ އިދާރާއަކުން ބޭނުންވާ މަޢޫލޫމާތު ފޯރުކޮށްދޭންޖެހޭކަމަށް ޞަރީޙަ އިބާރާތުން ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ، އެ ޤާނޫނުގައި އޮތް އުސޫލް ބަދަލުވެއްޖެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ޤަބޫލުކޮށް ފުލުހުންނާއި ބައްދަލުކޮށް އެކަން އަންގާފައިވާކަމަށާއި، ބީއެމްއެލް އިން ފޮނުވާފައިވާ ސިޓީގައިވެސް އެމޭރުމުން ބަޔާންކޮށްފައިވާކަމަށެވެ.

ކޯޓް ޢަމުރަކާއެކު ފުލުހުން އެދޭ މަޢޫލޫމާތުތައް ބީއެމްއެލްއިން ފޯރުކޮށްދޭޭނެކަމަށާއި، އަދި އެއްބާރުލުން ދޭނެކަމަށް ބީއެމްއެލްއިން އަންގާފައިވާކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ. ނަމަވެސް ފުލުހުން އެކަމުގައި ދެކޭގޮތް ތަފާތުކަމަށް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒް އެކަމުގެ ސަބަބެއްކަމަށް ދެއްކީ ޖިނާޢީ އިޖުރާޢަތާއި ބޭންންކިންއާ ބެހޭ ޤާނޫނެވެ. އެ ޤާނޫނުގައި ޞަރީޙަ ނައްސުން ބަޔާންކޮށްފައިވާގޮތުގައި ތަޙްޤީޤީ އިދާރާއަކުން ލިޔުމުން އެދިއްޖެނަމަ ބޭންކުގެ ރިކޯޑްތައް ތަޙްޤީޤީ އިދާރާއަށް ދޭންޖެހޭނެކަން ބަޔާންކޮށްފައިވާކަމަށް ވިދާޅުވިއެވެ. ރިޔާޒް ވަނީ އެކަމާއި ގުޅިގެން ޤާނޫނީގޮތުން ފުލުހުން ދެކޭގޮތް ބީއެމްއެލްއާއި ހިއްސާކުރަން ތައްޔާރުވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

"ފައިނޭންޝިއަލް އިންވެސްޓިގޭޝަންތަކުގައި އެކަން އެގޮތަށް އޮވެއްޖެކަމަށްވާނަމަ އެއީ ގޮންޖެހުމަކަށްވާނެކަމެއްކަމަށް އަޅުގަނޑުދެެކެން." ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވަނީ މިކަމުގައި މާލިޔަތު ކޮމިޓީގެ އެހީތެރިކަމެއް ކުރިއަށް އޮތްތަނުގައި އެދެންޖެހިދާނެކަން ފާހަގަކުރައްވާފައެވެ. ރިޔާޒް ވަނީ ބީއެމްއެލް ފިޔަވާ އެހެން އެއްވެސް ބޭންކަމުން އެފަދަކަމެއް ދިމާނުވާކަންވެސް ކޮމިޓީއާއި ހިއްސާކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ބޭންކިންގއާއި ބެހޭ ޤާނޫނުގެ 41ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ލިޔުމަކުން އެދިއްޖެ ހިނދެއްގައި ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމަކުން އެދިއްޖެ ހިނދެއްގައި ނުވަތަ އެ ޤާނޫނުން އެފަދަ މަޢުލޫމާތެއް ހާމަކުރަން ހުއްދަކޮށްފައިވާ ކަމެއް ނުވަތަ ޙާލަތެއްގައި ކަސްޓަމަރުންގެ އެކައުންޓުތަކާއި ޑިޕޮސިޓްތަކާއި ޓްރަސްޓްތަކާއި އަދި ސޭފް ޑިޕޮސިޓް ބޮކްސްތަކާބެހޭ ބެހޭ މަޢޫލޫމާތު ހާމަކުރެވޭނެކަމަށް ބަޔާންކޮށްފައެވެ.

މީގެ އިތުރުން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 71ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބިގެންވާ ޖިނާއީ ކުށެއްގެ ތަޙްޤީޤަކާ ގުޅޭގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހަކު ނުވަތަ އެ ތަޙްޤީޤަށް މަޢުލޫމާތު ދެވިދާނެ މީހަކު ނުވަތަ ހެކިބަސް ދެވިދާނެ މީހަކު، އެ އިދާރާއަށް ހާޒިރުވުމަށް، އެ އިދާރާއެއްގެ ހުއްދަކުރެވިފައިވާ އޮފިސަރަކު ސޮއިކޮށް ދޫކުރާ ލިޔުމަކުން އެންގުމުގެ ބާރު، އެ އިދާރާއަކަށް ލިބިގެންވާކަމަށެވެ.