ކުޅިވަރު

އިންޓަރ އޮފީސް ޗެސް ޗެމްޕިއަންޝިޕްގެ ކުޅުން ފަށައިފި


ދެވަނަ އިންޓަރ- އޮފީސް ޗެސް ޗެމްޕިއަންޝިޕް ކުޅުން ފަށައިފި އެވެ.

ޖުމްލަ ތޭރަ ޓީމު ވާދަކުރާ މި އަހަރުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރ އަޙުމަދު ސަލީމް އެވެ.

މި އަހަރުގެ މުބާރާތުގައި ވާދަކުރާ ބާރަ ޓީމަކީ، އެމް.ޑަބްލިއު.އެސް.ސީ، އެމް.ޕީ.އެލް، ބީ.އެމް.އެލް، އެލައިޑް އިންޝިއުރެންސް، އެމް.އޭ.ސީ.އެލް، އެޗް.ޑީ.ސީ، ދިރާގު، މޯލްޑިވްސް ޕޯސްޓް، ސްޓެލްކޯ، އެމް.އައި.ޓީ.ޑީ.ސީ، ޣިޔާސުއްދީން ސްކޫލް، ޕޮލިސް، އަދި ކަސްޓަމްސް އެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗެސް އެސޯސިއެޝަން އޮފް މޯލްޑިވްސްގެ ރައީސް ޙުސައިން ޝިއާން ވިދާޅުވީ، ރާޒުވާއަކީ ރާއްޖޭގައި ގިނަ ޢަދަދެއްގެ މީހުން ކުޅެމުން އަންނަ ކުޅިވަރެއް ކަމަށާއި، މި އަހަރުގެ އިންޓަރ އޮފީސް މުބާރާތައް މި ލިބުނު ބޮޑު ތަރުހީބުން މި ކަން ވަރަށް ރަނގަޅަށް ހާމަވެގެންދާކަމަށެވެ. އަދި އެ ސޯސިއެޝަނުން ރާއްޖޭގައި ރާޒުވާ ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭކަމަށާއި އެ ގޮތުން އަންނަ އަހަރު އިންޓަ ރިސޯޓު މުބާރާތާއި، އަތޮޅުތެރެއަށް ހުޅުވާލައިގެން މުބާރާތްތައް ކުރިއަށް ގެންދިއުމަށް ވިސްނަމުންދާ ކަމަށްވެސް ހުސައިން ޝިއާން ވިދާޅުވި އެވެ.

ޗެމްޕިއަން ޓިމަށް ދިހަ ހާސް ރުފިޔާ، ރަނަރަޕް ޓީމަށް ހަތް ހާސް ފަސް ސަތޭކަ އަދި ތިންވަނައަށް ދާ ޓިމަކަށް ފަސް ހާސް ރުފިޔާގެ އަގުހުރި އިނާމު ހުށަހަޅާފައިވާ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އެމް.ޕީ.އެލް އެވެ.