ޚަބަރު

ނޭޕާލްގައި ދިރިއުޅެމުންދާ ދިވެހިންގެ ޙާލަތު ރަނގަޅު - ފޮރިން މިނިސްޓްރީ


ނޭޕާލުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާގައި އެއްވެސް ދިވެއްސަކަށް އަސަރުކޮށްގެން ރިޕޯޓުކޮށްފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަަވަމުން ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނޭޕާލްއަކީ ގިނަ އަދަދެއްގެ ކިޔަވާކުދިން އުޅޭ ޤައުމެއްކަމުން އެކުދިންގެ ޙާލަތު ވަރަށް ކައިރިން ބަލަމުންދާކަމަށެވެ. އެގޮތުން ނޭޕާލްގެ އޮނޮރަރީ ކޮންސިލްއާއި އިންޑިއާގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ނޭޕާލުގައި ތިބި ދިވެހިންގެ ހާލަތު ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނޭޕާލްގެ ބައެއް ހިސާބުތަކަށް ދިމާވި ބިންގަނޑު ކަނޑައިގެން ދިޔުމާއި ފެންބޮޑުވުމުގެ ހާދިސާގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެ، އާންމުންގެ ގެދޮރަށާއި އެޤައުމުގެ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ ނޭޕާލްގެ ބޮޑުވަޒީރު ޝަރްމާ އޮލީއަށް ހަމްދަރުދީ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، މި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެންފައިވެއެވެ.

ނޭޕާލުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިސާތައް ހިނގައި، ގިނަ ބަޔަކު މަރުވެފައިވާތީ އެކަމުގެ ހިތާމައިގައި ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދުވެސް ނޭޕާލުގެ ފޮރިން މިނިސްޓަރ ޕްރަދީޕް ކުމާރް ގިޔަވާލީއަށް ތަޢުޒިޔާގެ މެސެޖެއް ވަނީ ފޮނުއްވައިފިއެވެ.

ނޭޕާލްއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ މި ހާދިސާގައި 1 މިލިއަން މީހުންނަށް އަސަރުކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ނޭޕާލްއަށް ވިއްސާރަކުރާނެކަމަށް ބެލެވޭތީ ބިންތިރި ހިސާބުތަކުގައި ދިރިއުޅެމުންދާ ފަރާތްތައް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ނޭޕާލްގެ ސަލާމަތީ ފަރާތްތަކުން ދަނީ ކުރަމުންނެވެ.