 
					
									
			ޤާނޫނީ ވަކީލުން ޙަވާލުކުރެއްވި ޒިންމާގެ މަސްޢޫލިއްޔަތާއި ވާޖިބު އެންމެ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަގީންކަން ބާ ކައުންސިލުގެ ރައީސް މައުމޫން ޙަމީދު ދެއްވައިފިއެވެ. 
ރާއްޖޭގައި މަސައްކަތް ކުރާ ޤާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، އުފެއްދި ބާ ކައުންސިލުގެ ރައީސަކަށް އިންތިޚާބުވި މައުމޫން ހަމީދަށާއި ކައުންސިލަށް އިންތިޚާބުވި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓާއި ގުޅިގެން  މައުމޫން ޙަމީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގައި މަސައްކަތްކުރައްވާ ވަކީލުން އެމަނިކުފާނާ ޙަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރެވޭ އެންމެ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ. 
މައުމޫނު ޙަމީދު ބާ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫނު އަބްދުލްޤައުޔޫމާއި، މައުމޫން ހަމީދާއި ވާދަކުރެއްވި ކުރީގެ ބަންޑާރަ ނާއިބު ޙުސްނުއްސުއޫދުވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ. 
ރައީސް ޞާލިޙާ ކުރީގެ ރައީސުން ކުރެއްވި ޓުވީޓުތަކާއި ގުޅިގެން  މައުމޫނު ޙަމީދު ވިދާޅުވީ، ޤާނޫނީ ވަކީލުން ހަވާލުކުރެއްވި މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރައްވާނެކަމަށާއި، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ބާ ކައުންސިލްގެ މަސައްކަތްތައް މިނިވަންކަމާއި، ހަމަހަމަ ކަމާއެކު އެންމެ ފުރިހަމަގޮތުގައި ކުރިއަށްގެންދަވާނެކަމަށެވެ. 
މަޝްހޫރު ޤާނޫނީ ވަކީލު މައުމޫނު ޙަމީދު، ބާ ކައުންސިލުގެ ރައީސަކަށް އިންތިޚާބުކޮށްފައިވާއިރު، އެކައުންސިލްގެ ނާއިބު ރައީސަކަށް އިންތިޚާބުކޮށްފައިވަނީ ކުރީގެ ބަންޑާރަ ނާއިބް ޢަބްދުﷲ މުއިއްޒެވެ. 
ބާ ކައުންސިލުގެ ރައީސްކަމަށް މައުމޫނު ހަމީދު އިންތިޚާބުވެވަޑައިގެންފައިވަނީ މަޝްހޫރު ޤާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަ ނާއިބު ޙުސްނުއްސޫޢޫދާ ވާދަކޮށެވެ. މި އިންތިޚާބުގައި ސުޢޫދަށް ލިބިވަޑައިގެންފައިވަނީ 401 ވޯޓެވެ.  
ބާ ކައުންސިލުގެ ރައީސާއި، ނައިބް ރައީސްގެ އިތުރުން، ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ވޯޓް ލިބިވަޑައިގެން ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިޚާބުވީ ޤާނޫނީ ވަކީލު މުހައްމަދު ފައިސަލާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޢާއިޝާ ސުޖޫން މުހައްމަދުގެ އިތުރުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަނަސް އަބްދުއްސައްތާރާއި، ޤާނޫނީ ވަކީލު މުޙައްމަދު އަސީލް ހަސަނާއި ކުރީގެ މަޖިލިސް މެންބަރު އަނާރާ ނައީމެވެ. 
ބާ ކައުންސިލްގައި ހިމެނެނީ އެކައުންސިލްގެ ރައީސާއި ނާއިބު ރައީސް ގެ އިތުރުން އެގްޒެކެޓިވް ކޮމެޓީގެ 6 މެންބަރުންނާއި،  ދައުލަތުގެ ބަންޑާރަ ނާއިބެވެ.