ޚަބަރު

ތެލަސީމިއާ ބަލި ތަހަންމަލް ކުރަމުންދިޔަ، ޒުވާން ފޮޓޯގްރާފަރު ނިޔާވެއްޖެ


ކުޅަދާނަ ފޮޓޯގްރާފަރެއްގެ ގޮތުގައި ފާހަގަވެފައިވާ، ތެލަސީމިއާ ބަލީގެ ހުނަރުވެރި ޒުވާނާ، އަދުހަމް މުޙައްމަދު ނިޔާވެއްޖެއެވެ.

ހއ. އުލިގަމަށް އުފަން ޢުމުރުން 24 އަހަރުގެ އަދުހަމް މުޙައްމަދު (އަދޫ) ނިޔާވީ އޭނާގެ ޙާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފާރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ތެލަސީމިއާ ބަލި ތަހަންމަލް ކުރަމުންވެސް އޭނާގެ ހިތްވަރު ދައްކައި މޮޅު ފޮޓޯގްރާފަރެއްގެ ގޮތުގައި ހޯދި ކާމިޔާބީތައް ފާހަގަކޮށް އޭނާގެ މަސައްކަތް އާންމުންގެ ގިނަބަޔަކަށް އެނގިގެންދިޔައީ މިދިޔަ ރަމަޟާން މަހު ޓީވީއެމުން ގެނެސްދިން އުފާ ޕްރޮގްރާމްގައެވެ. އަދި އޭނާއާ ގުޅޭގޮތުން ބައެއް އެހެން މީޑިއާތަކުގައިވެސް ޚާއްސަ ރިޕޯޓު އާންމުކުރިއެެވެ.

ފޮޓޯގްރާފީ ދާއިރާއިން ޑިޕޮލޮމާ ހާސިލުކޮށްފައިވާ އަދްހަމަކީ ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ ލަވަކިއުންތެރިޔާ ޝަލަބީ އިބްރާހީމްގެ ހައުސް އޮފް މިއުޒިކާއި ބަރިސްތާގެ އޮފިޝަލް ފޮޓޯގްރާފަރުވެސް މެއެވެ. އަދުހަމް އަކީ މޯލްޑިވިއަން ރެޑްކެރެސެންޓްގައި ހިލޭ ސާބަހަށް ފޮޓޯ ނަގައިދިން ދަރުމަވެރިއެއްވެސް މެއެވެ.

އަދްހަމް މުޙައްމަދުގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދުގެ ފަހުގައި އާސަހަރާ މިސްކިތުގައެވެ.