ޚަބަރު

ދިހަ ރަށަކަށް އައު ޖަނަރޭޓަރ ފޮނުވައިފި


އަތޮޅުތަކުގެ ރަށްރަށުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށާއި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިހަ ރަށަކަށް އައު ޖަނަރޭޓަރ ފޮނުވާފައިވާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ޙިލްމީ ވިދާޅުވީ ގިނަ ރަށްރަށަށް ދިމާވެފައިވާ މައްސަލައަކީ ކަރަންޓް ބޭނުންކުރެވޭ މިންވަރު އިތުރުވެ ލޯޑު ބޮޑުވުން ކަމަށެެވެ. މިއަދު ފޮނުވި ޖެނަރޭޓަރގެ ތެރޭގައި 400ކިލޯވޮޓްގެ 6 ޖަނަރޭޓަރ ހިމެނެއެވެ. މީގެ އިތުރުން 600 ކިލޯވޮޓްގެ 2 ޖެނަރޭޓަރާއި 800ކިލޯވޮޓްގެ ޖެނަރޭޓަރަކާއި 350ކިލޯވޮޓްގެ ޖެނަރޭޓަރއެއްވެސް ހިމެނެއެވެ. ހިލްމީ ވިދާޅުވީ މި ޖެނަރޭޓަރ ތަކުގެ ޚިދުމަތް ދޭންފަށާ ހިސާބުން އެރަށަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެެ.

މިއަދު ޖަނަރޭޓަރތައް ފޮނުވާފައިވާ ރަށްތަކުގެ ތެރޭގައި ގދ.ވާދޫ، ގދ.މަޑަވެލި، ތ.ހިތިލަންދޫ، ހއ.އިހަވަންދޫ، ގއ.ގެމަނަފުށި، ރ.އިނގުރައިދޫ، ސ.ހުޅުމީދޫ، ބ.ކެންދޫގެ އިތުރުން ޅ.ކުރެންދޫ އާއި ގއ.މާމެންދޫ ހިމެނެއެވެ. ރަށްރަށަށްދޭ ކަރަންޓުގެ ޙިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކެޕޭސިޓީ އިތުރުކުރުމަށް ގެންދާ ޖަނަރޭޓަރތައް މާދަމާގެ ވަގުތެއްގައި އެރަށްރަށަށް ގެންދެވޭނެކަމަށް ފެނަކައިން ބުނެއެވެ. ޖެނަރޭޓަރ ގެންދިއުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިހާރުވަނީ ފަށާފައެވެ.

ރާއްޖޭގެ ރަށްރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިއަހަރުގެ ކުރީކޮޅުގައި 153 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ރަށްރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަމުންދާއިރު އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ފާހަގަކުރެވިފައިވަނީ 6 މަސްވެގެންދާއިރު އިންޖީނު މަރާމާތު ކުރުމަށް އެންމެ ފަހަރަކުވެސް ނިވާނުލެވޭ ޙާލަތުގައި ބައެއް ރަށްރަށުގެ އިންޖީނުތައް ހުރުން ކަމަށް މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިން ބުނެފައިވެއެވެ.

ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ޖުލައިމަސް ނިމުމާ ހަމައަށް ގެނެވޭނެކަމަށް ފެނަކައިން ބުނެއެވެ.