ދީން

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އަލުން ހުޅުވާލައިފި


މިއަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ދެވަނަ ފަހަރަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމަށް މިދިޔަ އޭޕްރީލްމަހުގެ 2އިން 28އަށް ހުޅުވާލެވުނު ފުރުޞަތުގައި ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކުންނާއި، އެކި ސަބަބުތަކާހެދި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައި ނުވާ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ. އެހެންކަމުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު އަލުން ހުޅުވާލައި 1440ވަނަ އަހަރު އެކުލަވާލި ފަޤީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެމިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ.

އެގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރުމާއި ބަލައިގަތުން މާދަމާއިން ފެށިގެން އޯގަސްޓްމަހުގެ ފުރަތަމަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި ފަޤީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުން މާދަމާއިން ފެށިގެން މިމަހުގެ 17ވަނަ ދުވަހާއި ހަމައަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

މާލޭގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާ ފޯމާއި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާހުށަހަޅާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އިސްލާމިކް މިނިސްޓްރީގައެވެ. އަދި އަތޮޅު ތެރެއިން އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް ފޯމު ބަލައިގަތުމާއި ޝަކުވާ ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ޙާއްސަކޮށްފައިވާ ފޯމު މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީން ލިބެން ހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިފޯމް ހުށަހަޅާއިރު އައިޑީކާޑުގެ ކޮޕީއާއި 6 މަސް ދުވަހުގެ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓާއި، ކައިވެނީގެ ސެޓްފިކެޓާއި، އާމްދަނީގެ ގޮތުގައި ލިބޭ މުސާރައިގެ ތަފްޞީލު އެނގޭނެ ލިޔުމެއް ހުށަހަޅަން ޖެހެއެވެ. އަދި ފޯމު ހުށަހަޅާ ފަރާތަކީ ކުއްޔަށް އުޅޭފަރާތެއްނަމަ ކުލީގެ މިންވަރު އެނގޭނެ އެގްރީމެންޓުގެ ކޮޕީއެއްވެސް ހުށަހަޅަންޖެހޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ރަޖިސްޓަރީކުރާނަމަ އައިޑީ ކާޑާއެކު އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންޖެހޭނެކަމަށާއި، 18 އަހަރު ފުރުނު ނަމަވެސް ތަޢުލީމު ހާޞިލްކުރަމުންދާ ދަރިވަރެއްނަމަ، އެ ދަރިވަރަކު ތަޢުލީމު ޙާސިލުކުރާ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމެއްގެ ތައްގަނޑުޖެހި ކޮޕީއެއް ހުށަހަޅަންޖެހޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.