ވިޔަފާރި

އޭންޖަލްހެކްގެ 2 ވަނަ ހެކަތޯން ރާއްޖޭގައި ފަށައިފި


ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން "އޭންޖަލްހެކް"ގެ 2 ވަނަ ހެކަތޯން ރާއްޖޭގައި ފަށައިފިއެވެ. މި ހެކަތޯން ކުރިއަށްގެންދަނީ ދިރާގާއި، އެމްއެމްއޭ އަދި ސްޕާކްހަބް ގުޅިގެންނެވެ.

2 ދުވަހުގެ މުދަތައް ކުރިއަށްގެންދާ މި ހެކަތޯންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮމްޕިއުޓަރ ޓެކްނޮލޮޖީގެ ހުނަރުވެރި ގިނަ ޒުވާނުންތަކެއް ބައިވެރިވެ، ތަފާތު އީޖާދީ އެޕްތަކާއި ސޮފްޓްވެއާތައް ކޯޑުކޮށް، ޓެސްޓުކުރުމާއި ލޯންޗުކުރުން ފަދަ ހަރަކާތްތައް ފެނިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

ރާއްޖޭގައި މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި އެންޖަލްހެކްގެ ޒަރިއްޔާއިން ބައިވެރިންނަށް އައު ތަޖުރިބާ އާއި ހިޔާލުތައް ދިރުވާ ތަރައްގީކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ. އަދި "އެންޖަލްހެކް މޯލްޑިވްސް 2019" ރާއްޖޭގައި ބާއްވަން ގަސްތުކޮށްފައިވާ އެންމެ ބޮޑު ބޭނުމަކީވެސް ދިވެހި ޒުވާނުންގެ މެދުގައި ސްޓާޓަޕް ކަލްޗަރ އަށަގަނެ، އިނޮވެޓިވް ޑިޖިޓަލް ސޮލިއުޝަންސް ހޯދައިދިނުމަށެވެ.

މި އަހަރުގެ އެންޖަލްހެކް ތީމް ކަމަށްވާ "އިނޮވެޓަރސް ރައިސިންގ" އިން ގިނަ އަދަދެއްގެ ދިވެހި ހުނަރުވެރި ޑެވެލޮޕަރުންނާއި ޑިޒައިނަރުންނާއި އަދި ވިޔަފާރިވެރިން އެއްތަނަކުން ދިމާވެ، މުޅި ދުނިޔެއަށް ހުނަރު ދައްކާލުމަށް ފުރުސަތު ލިބިގެންދާނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

އޭންޖަލްހެކް އަކީ ބައިނަލްއަގްވާމީ ހެކަތޯންއެކެވެ. މި ހެކަތޯން އެންމެ ފުރަތަމަ ފަށާފައިވަނީ ސެންފްރެންސިސްކޯގައެވެ. އަދި އޭގެ ފަހުން މިހާތަނަށް 150 އަށްވުރެ ގިނަ ސިޓީގައި ސަތޭކަ ފަންސާސްހާހަށް ވުރެ ގިނަ ޑިވެލޮޕަރުން، ޑިޒައިނަރުންނާއި، ކުދި ވިޔަފާރިވެރިންނަށް ވަނީ މި ހެކަތޯންގެ ގެ ސަބަބުން އެހީތެރިވެދީފައިއެވެ. ކޮންމެ އަހަރަކު އޭންޖަލްހެކްގެ ހެކަތޯން ތައް މުޅި ދުނިޔޭގެ އެކި ހިސާބު ތަކުގައި ކުރިއަށްގެންދެއެވެ.