ކުޅިވަރު

ރާއްޖޭގެ ވޮލީގެ ވައިޑީޕީ ހަރުދަނާ ކުރަންޖެހޭ : ޑރ. ބޯޑްގަން


ވޮލީގައި ރާއްޖެއަކީ އޭޝިޔާގެ ވަރުގަދަ ބާރަކަށް ހަދަން ބޭނުންވާކަމަށްވާނަމަ، ވައިޑީޕީ ޕްރޮގްރާމްތަށް ހަރުދަނާ ކުރަންޖެހޭކަމަށް ވޮލީއިން ސާބިޔާއަށް ގޯލް މެޑަލް ހޯދާދީފައިވާ އަދި މިހާރު ސާބިޔާގެ ޑިރެކްޓަރ އޮފް ނެޝަނަލް ޓީމްސް ޑރ. ބޮގްދާން ސްރެޓެނޮވިޗް ބުނެފި އެވެ.

2000ވަނަ އަހަރުގެ ސިޑްނީ އޮލިމްޕިކްސްގައި އިންޑޯ ވޮލީއިން ސާބިޔާއިން ގޯލްޑް މެޑަލް ހޯދިއިރު އެޓީމްއަށް އިރުޝާދު ދީފައިވަނީ ޑރ. ބޮގްދާން ސްރެޓެނޮވިޗްއެވެ. ގައުމީ ޓީމްއަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ޑރ. ބޮގްދާން ސްރެޓެނޮވިޗް ބުނީ ރާއްޖޭގެ ވޮލީގެ ވަރަށް ގިނަ ކަންތަށްތަކެއް ބަދަލް ކުރަންޖެހޭކަމަށާއި އެންމެ ފުރަތަމަ ވައިޑީޕީ ޕްރޮގްރާމްތަށް ފަށަންޖެހޭކަމަށެވެ. ވައިޑީޕީ ނެތްތަނެއްގައި ވޮލީ ކުޅެވުނުނަމަވެސް ބައިނަލަގްވާމީ ފެންވަރުގައި ކާމިޔާބު ހޯދަން އުދަގޫވާނެކަމަށް ޑރ. ބޮގްދާން ސްރެޓެނޮވިޗް ބުންޏެވެ. ރާއްޖެއާއި ބެހޭ މާބޮޑު މަޢުލުމާތެއް ނޭންގުނަސް، ރާއްޖޭގެ ކުޅުންތެރިންނަށް ވޮލީގެ ބޭސިކް ނޭންގޭކަން ފާހަގަކުރެވިފައިވާކަމަށާއި ވޮލީގެ އެންމެ ބޭސިކް ކަންތަށްތަށް މިހާރު ކިޔައި ނުދެވޭނެކަންވެސް ސާބިއާގެ ކުރީގެ ކޯޗް ފާހަގަކުރިއެވެ.

ބޭސިކް ނެތުމުން ވަރަށް ގިނަ ކަންތަށްތަށް ކުރުމަށް ދިވެހި ކުޅުންތެރިންނަށް އުދަގޫވާކަމަށާއި މިއީ ވޮލީ ކުރިއަރުވަން މަސައްކަތް ކުރާ އެންމެ މަތީފަންތިން ފެށިގެން އެންމެ އައިދައިގެ މީހާއާއި ހަމައަށް ވިސްނަން ޖެހޭކަމެއްކަމަށް ޑރ. ބޮގްދާން ސްރެޓެނޮވިޗް ބުންޏެވެ. އަދި ވޮލީގެ އެންމެ ބޭސިކް ކަންތަށްތަށް ނޭންގި ވޮލީ ކުޅުމުގެ ބޭނުމެއް ނެތްކަމަށާއި ސަރަހައްދުގެ ވަރުގަދަ ބާރަކަށް ވާންބޭނުންވާ ކަމަށްވާނަމަ، މިއީ ވަރަށް މުހިންމުކަމެއްކަމަށް ސާބިޔާއަށް ގޯލްޑް މެޑަލް ހޯދާދީފައިވާ ކޯޗް ޑރ. ބޮގްދާން ސްރެޓެނޮވިޗް ބުނެފިއެވެ.

"ރާއްޖެއަކީ މުޅިން ތަފާތު ވޮލީއެއް ކުޅޭ ގައުމްއެއް. ޔޫރަފްގެ ވޮލީއާއި އޭޝިޔާގގެ ވޮލީގެ ތަފާތުން މިފެންނަނީ. ދިވެހި ޓީމްއަށް ބަލާއިރު ބޭސިކްގެ ވަރަށް ގިނަ ކަންތަށްތަށް ރަގަނޅު ކުރަންޖެހޭ. ހާއްސަކޮށް ބުލޮކް، ޑިފެންސް އަދި އަވަސް މޫވްމަންޓްތަކަށް ކުޅުންތެރިން ހޭނެންޖެހޭ. އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ ކުޅުންތެރިން ކުރުވުން. ވޮލީއަށް ބޭނުންވަނީ ވަރަށް ދިގު ކުޅުންތެރިން. މިކޭންޕްގެ ސަބަބުން ބައެއް ކަންތަށްތަށް މިހާރުވެސް ރަގަނޅު ވެއްޖެ. ރާއްޖޭގެ ކުޅުންތެރިންގެ ސްޕައިކު ރަގަނޅު. ނަމަވެސް ސްޕައިކު ކުރާއިރުވެސް އެކި ދިމާތަކަށް ކުރުން ވަރަށް މުހިންމު އަބަދު އެއް ގޮތަކަށް ކުރުމުގެ ބަދަލްގައި." ގޯލްޑް މެޑަލް ކޯޗް ޑރ. ބޮގްދާން ސްރެޓެނޮވިޗް ބުންޏެވެ.

މިކޭންޕްއިން ކޯޗިން ސްޓާފުންނަށް ދަސްވިކަންތަށްތަކުން ރާއްޖޭ ގޮސް ވޮލީއަށް އިންގިލާބެއް ގެންނަން މަސައްކަތް ކުރާނެކަމަށް އުއްމީދު ކުރާނެކަމަށްވެސް ސާބިޔާއަށް ގޯލްޑް މެޑަލް ހޯދާދީފައިވާ ކޯޗް ޑރ. ބޮގްދާން ސްރެޓެނޮވިޗް ބުންޏެވެ.