ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ދިރާސާ ކުރަމުންދާ ދިވެހިރާއްޖޭގެ ޘަގާފީ ތަރިކައިގެ ބިލަށް އާންމުންގެ ޙިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ އާއްމުންގެ އެއްވެސް ޙިޔާލެއް ވާނަމަ 16 ޖުލައިގެ 14:00ގެ ކުރިން ކޮމިޓީއަށް މެއިލް ކުރުމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ޙިޔާލު ހުށަހެޅޭނެކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ކުރަން ވަޢުދުވެފައިވާ ކަންތަކުގެ ތެރޭގައި ހިމެނޭ މި ބިލުގައި ބުނެފައިވަނީ ތަރިކައަށް ގެއްލުންދޭ ފަރާތެއް އެއްލައްކައާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށެވެ. ތަރިކައަށް ގެއްލުންދޭ ފަރާތަކަށް 5 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެކަމަށްވެސް އެ ބިލުގައި ހިމަނާފައިވެއެވެ.
އެ ބިލުގައި ހިމަނާފައިވާ ގޮތުގައި ޤާނޫނަށް އަމަލު ކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށް ހަރަދު ކުރުމަށް ހެރިޓޭޖު ޓްރަސްޓު ފަންޑެއް ޤާއިމުކުރަންޖެހޭނެއެވެ. މި ފަންޑުން ފައިސާ ޚަރަދު ކުރާނީ ސަގާފީ ތަރިކައިގެ ގޮތުގައި ދަފުތަރުކޮށްފައިވާ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ތަރިކަ ރައްކާތެރިކުރުމަށް ކުރަންޖެހޭ ދިރާސާތަކާއި ސާވޭތަކަށްކަމަށްވެސް އެ ބިލުގައި ބުނެފައިވެއެވެ.