ކުޅިވަރު

އައިއޯއައިޖީގައި ދިވެހި ދިދަ އުފުލާ އެތްލީޓް މާދަމާ އިޢުލާން ކުރަނީ


މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާ އެތުލީޓުގެ ނަން މާދަމާ އިއުލާންކުރާނެ އެވެ. ރައީސް އޮފީހުގައި މާދަމާ ހަވީރު އޮންނަ ރަސްމިއްޔާތުގައި މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ)ގައި ދިވެހި ދިދަ އުފުލާލާ އެތްލީޓުގެ ނަން އިއުލާންކުރާއިރު، އެ އެތްލީޓަށް ދިދަ ހަވާލްކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ބުނީ މި ރަސްމިއްޔާތަށްފަހު ދިވެހި ކޮންޓިންޖެންޓާއި ރައީސް ސާލިހު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. =އައިއޯއައިޖީގެ ދިހަވަނަ މުބާރާތް މިއަހަރު ބާއްވާއިރު، 2015 ގައި އޮތް 9 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ދިދަ އުފުލީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.

މިމަހު 18 އިން 28 އަށް މޮރިޝަސްގައި ބާއްވާ މިގޭމްސްގައި ބައިވެރިވާ ދިވެހި ކޮންޓިންޖެންޓު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހެނދުނު އެވެ. މިއަހަރުގެ ގޭމްސްގައި ރާއްޖޭއިން ވާދަކުރާ ކުޅިވަރުތަކަކީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ޓެނިސް، ސްވިމިން، ޓޭބަލް ޓެނިސް، ވޮލީބޯޅަ އަދި ސެއިލިންގ އެވެ
.
ގޭމްސްގައި ރާއްޖޭން 15 މެޑަލް ހޯދުމަށް އެމްއޯސީން އަމާޒުހިފާފައިވާއިރު އެންމެ ފަހުގެ އައިއޯއައިޖީގައި ރާއްޖެއިން އަށް މެޑަލް ހޯދި އެވެ.