ދުނިޔެ

އިރާގުގެ ރަމާދީ އައިއެސް ޖަމާއަތުގެ އަށްދަށަށް ހިނގައްޖެ


އިރާގުގެ މުހިއްމު އަދި ބޮޑު ސިޓީއެއް ކަމަށްވާ ރަމާދީ އައިއެސް ޖަމާއަތުގެ އަށްދަށަށް ހިނގައްޖެއެވެ.އިރާގުގެ އަސްކަރީ މަސްއޫލުވެރިން ހާމަކުރެއްވި ގޮތުގައި އައިއެސްގެ ހަނގުރާމަވެރިންގެ ގަދަފަދަ ޙަމަލާތަކާއެކު ރަމާދީގައިވާ އިރާގު ސިފައިންގެ އެންމެފަހު މަރުކަޒުތަކުން ރޭ އިރާކޮޅު އެމީހުން ފޭބުމުން އެސިޓީ މިހާރުވަނީ އައިއެސްގެ އަތްދަށަށް ގޮސްފައެވެ.ރަމާދީ އަކީ އިރާގުގެ ހުޅަނގުގެ ބޮޑު ގަވަރނޭޓެއް ކަމަށްވާ އަލްއަންބާރުގެ ވެރިރަށެވެ. ރަމާދީ އޮންނަނީ ވެރިރަށް ބަޣްދާދުގެ ހުޅަނގުން ސަތޭކަ ބާރަ ކިލޯމީޓަރު ދުރުގައެވެ.ރަމާދީ އައިއެސް ޖަމާއަތުގެ އަށްދަށަށް ދިޔަކަމަށް އިރާގު ސަރުކާރުން ބުނިނަމަވެސް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނަނީ އެރަށުގެ ހާލަތު އަދި ސާފުނުވާ ކަމަށާ އައިއެސްގެ ޖަމާއަތުގެ ކޮންޓްރޯލް ރަމާދީގައި އޮތްމިންވަރު ބަލަމުން ގެންދާކަމަށެވެ. ޕެންޓަގަންގެ ތަރްޖަމާނާ އެލީސާ ސްމިތް ވިދާޅުވީ އައިއެސްގެ އަތްދަށަށް ރަމާދީ ދިޔަނަމަވެސް އެއީ އިރާގުގެ ދާޚިލީ ހަނގުރާމައިގެ ބާރުގެ ތިލަފަތް އެޖަމާއަތުގެ ކޮޅަށް ބުރަވުންނޫންކަމަށާ ނަމަވެސް މިއީ ކާމިޔާބީގެ ޕްރޮޕަގެންޑާ ތައް ފެތުރުމުގެ ފުރްސަތު އައިއެސް އަށް ލިބިގެންދާނެ ކަމެއްކަމަށެވެ.އައިއެސްގެ އަތްދަށަށް ރަމާދީ ހިނގައްޖެނަމަ އެރަށް އަލުން އަނބުރައި އިރާގު ސަރުކާރުގެ އަތްދަށަށް ގެނައުމަށް ބޭނުންވާ އަސްކަރީ އެހީތެރިކަން އެމެރިކާ އިރާގަށް ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރު ކުރިން ވިދާޅުވެފައިވޭ. އައިއެސް އިންވަނީ އެޖަމާއަތުގެ ފުރިހަމަ ކޮންޓްރޯލް ރަމާދީއަށް އޮތްކަމަށް ބުނެފައެވެ. އަދި ރަމާދީގައި ހަނގުރާމަ ކުރަމުންގެންދިޔަ އިރާގު ސިފައިންގެ ގިނަ އަދަދެއްގެ ހަތިޔާރުތައްވެސް ޣަނީމާ ކުރެވުނު ކަމަށް އައިއެސް އިން ބުނެއެވެ.އިރާގު ސިފައިންނާއި އައިއެސް ގެ ހަނގުރާމަވެރިންނާ ދެމެދު  ރަމާދީ ހިނގަމުންދިޔަ ހަނގުރާމައިގެ ސަބަބުން އެތަށް ހާސްބަޔަކުދަނީ ގެދޮރު ދޫކޮށް ރެފިއުޖީންގެ  އެރަށުން ފައިބަމުންނެވެ. މިގޮތުން ފާއިތުވި ދެދުވަހުގެ ތެރޭގައި އެކަނިވެސް 8 ހާހަށްވުރެ ގިނަ އާއިލާތައް ރަމާދީ ދޫކޮށް އަވަށްޓެރި ހިސާބުތަކަށް ހިޖްރަކޮށްފައިވާ ކަމަށާ ހިޖްރަކުރާ ރެފިއުޖީންނަށް ބޭނުންވާ ކާބޯތަކެއްޗާއި ހިޔާވަހިކަމާއި ބޭސް ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އދ. ން ބުނެއެވެ.ރަމާދީ އައިއެސްގެ އަތްދަށަށް ދިޔުމާއެކު އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ވަނީ ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވައި އައިއެސްގެ ކުރިމަތީގައި ކުޑަކޮށްވެސް ފަހަތަށް ނުޖެހުމަށް އިރާގުގެ ލަޝްކަރުތަކުގެ ކޮމާންޑަރުންނަށް އަމުރު ކުރައްވާފައެވެ.