ކުޅިވަރު

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މަޑަގަސްކާގެ އޮފިޝަލުންނާއި ބައްދަލުކުރައްވައިފި


2023ގައި ރާއްޖޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖޭގެ ބިޑަށް ތާޢީދު ހޯއްދެވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ރާއީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މަޑަގަސްކަރގެ އޮފިޝަލުންނާއި ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިތުރުން މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙުމަދު މަޙުލޫފު މިއަދު މަޑަގަސްކަރއަށް ވަޑައިންވަނީ އެގައުމުގެ ބޮޑުވަޒީރުގެ ޚައްސާ މަންދޫބު މިނިސްޓަރ ހާޖޯއާއި ބައްދަލުކުރައްވާފަ އެވެ. އަދި މީގެ އިތުރުން އެޤައުމުގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ހޮނަރަބަލް ސިޓެނީއާއިވެސްވަނީ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ބިޑަށް ތާއީދުކޮށްދެއްވުމަށް މިނިސްޓަރ ޝާހިދުވަނީ ހޮނަރަބަލް ސިޓެނީ ކައިރިން އެދިވަޑައިގެންފައެވެ.

2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖޭގެ އިތުރުން މަޑަގަސްކަރއިންވެސް ބިޑުކުރިއެވެ. މީގެ ކުރިން ދެ ފަހަރު މަޑަގަސްކަރއިންވަނީ މުބާރާތް ހޮސްޓްކޮށްފަ އެވެ.

2023ގައި ރާއްޖޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖޭގެ ބިޑަށް ތާޢީދު ހޯއްދެވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ރާއީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދި މިނިސްޓަރ އަޙުމަދު މަޙުލޫފުވަނީ ސީޝެލްސްއަށް ވަޑައިގެން އެޤައުމުގެ ރައީސާއިވެސް ބައްދަލުކުރައްވާފައެވެ. އަދި ސީޝެލްސްއިންވަނީ ރާއްޖޭގެ ބިޑަށް ތާއީދުކުރާނެކަމުގެ ޔަގީންކަން ދީފައެވެ.