ޚަބަރު

ޤައުމުގައި ހަމަޖެހުން ޤާއިމްކުރުމަށްޓަކައި، ސަރުކާރުގެ އަމާޒަކީ ހުރިހާކަމެއްވެސް ހަމަހަމަކަމާއެކު ކުރުން- ނާއިބް ރައީސް


ޤައުމުގައި ހަމަޖެހުން ޤާއިމްކުރުމަށްޓަކައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ސަރުކާރުގެ ހުރިހާ ކަމެއްވެސް ދެފުށްފެންނަ ގޮތަށް ހަމަހަމަ ކަމާއެކު ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ވަޑައިގެން އައްްޑޫ ހައިސްކޫލަށް ޒިޔާރަތް ކުރައްވާ އެ ސުކޫލުގެ ދަރިވަރުންނާއި ޓީޗަރުންނާ ބައްދަލު ކުރައްވާ ނާއީބް ރައީސް ވިދާޅުވީ ސަރުކާރުގެ ހުރިހާ ކަމެއްވެސް ގެންދަވަނީ ދެފުއް ފެންނަ ގޮތަށް ކަމަށެވެ. އަދި ވަކިބަޔަކަށް ފާއިދާ ވާގޮތަށް ކަންކަން ކޮށްގެން ޤައުމުގައި ހަމަޖެހުން ޤާއިމު ނުކެރެވޭނެ ކަމަށާ މިފަދަ ކަންކަމާމެދު ދަރިވަރުންވެސް ވިސްނާލަން ޖެހޭ ކަމަށެވެ.

ނާއިބް ރައީސް ވިދާޅުވީ އަންނަ އަހަރުވެސް ސަރުކާރުން އެންމެ ބޮޑު ޚަރަދެއް ކުރަން ނިންމާފައިވަނީ، ތަޢުލީމީ ނިޒާމަށް ކަމަށެވެ. އަދި ސަރުކާރުން މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ރަނގަޅު ތަޢުލީމީ ނިޒާމެއް ޤާއިމް ކުރުމަށް ކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ. ނާއިބް ރައީސް ވިދާޅުވީ ތަޢުލީމީ ނިޒާމަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނިޒާމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ނާއިބް ރައީސް ވަނީ އައްޑޫ ސިޓީ ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ބޮޑު މަގު ހެދުމުގެ މަޝްރޫއާއި ހެލްތު ސެންޓަރުގެ އިމާރާތަށް ބޮޑުކުރުމަށް ނިންމާފައިވާ ސަރަހައްދަށްވެސް ޒިޔާރަތްކުރައްވާ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. މިދަތުރުފުޅުގައި އައްޑޫސިޓީ ކޮންވެންޝަން ސެންޓަރުގައި ތަރައްޤީކުރާ ހޮސްޕިޓަލާއި އެ ސިޓީގެ ނަރުދަމާގެ މަސައްކަތް ކުރިއަށްދާގޮތްވެސް އެމަނިކުފާނު ބައްލަވާލައްވާނެއެވެ.