ވިޔަފާރި

މިފްކޯގެ ސަބަބުން އެސްޓީއޯއަށް 450 މިލިއަން ރުފިޔާގެ ގެއްލުމެއް


އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރުމުގެ ސަބަބުން މިހާތަނަށް 450 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

" މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރަން" މި ނަމުގައި ތިނަދޫގައި ބޭއްވި 'ހޮޅުއަށީގެ' ސިލްސިލާ ބައްދަލުވުމެއްގެ ތެރެއިން މިފްކޯއާއި އެސްޓިއޯގެ މާލީ ހާލަތާއި ބެހޭގޮތުން ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރިއިރު މިފްކޯ އޮތީ ބަނގުރޫޓުވެފައިކަމަށާއި މިކަމުގެ ސަބަބުން މާލީގޮތުން އެސްޓީއޯއަށް ބޮޑެތި ގެއްލުންތައް ލިބުނުކަމަށެވެ. އެގޮތުން މިފްކޯއިން ހަމައެކަނި މަސްވެރިންނަށް ވިއްކާ ތެލުން ވެސް ގާތްގަނޑަކަށް 230 މިލިއަން ރުފިޔާގެ ގެއްލުން އެސްޓީއޯއަށް ލިބިފައިވާކަމަށް އަމްރު ފާހަގަކުރެއްވިއެވެ.

އަމްރު ވިދާޅުވީ އެސްޓީއޯގެ ދަށަށް މިފްކޯ ގެނައީ އެސްޓީއޯގެ ވެސް މާލީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި ކަމުން ދެކުންފުންޏަށް ވެސް މީގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބުނުކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް މިފްކޯގެ ސަބަބުން އެސްޓީއޯއަށް 450 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

"މިފްކޯ އެސްޓީއޯގެ ދަށަށް ގެނައީ މިފްކޯ ބަނގުރޫޓުވެގެން ދެން ހަދާނެގޮތެއް ނެތުނީމަ. މިވަގުތުވެސް އެސްޓީއޯއިން އެފްއެސްއެމް މެދުވެރިކޮށް މިފްކޯއަށް ތެޔޮ ގެންގޮސް މަސްވެރިންނަށް ތެޔޮވިއްކަމުންދާއިރު އޭގެއިން އެއްވެސް ފައިސާއެއް އަނބުރާ އެސްޓީއޯއަކަށް ނާދޭ. މަސްވެރިންނަށް ތެޔޮ ވިއްކާފަވެސް އެސްޓިއޯއަށް މިހާތަނަށް ލިބެން އެބައޮތް ގާތްގަނޑަކަށް 230 މިލިއަން ރުފިޔާ" އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވިއެވެ.

އަމްރު އިތުރަށް ވިދާޅުވީ މިފްކޯއަކީ ފައިދާލިބޭ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން ކުރިއަށްއޮތް ހަމަހެއްހާ ދުވަހުގެ ތެރޭގައި އެދެވޭފަދަ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

"ކުއްލިއަކަށް ހަމަހުގެތެރޭގައި މިބަދަލެއް ނާންނާނެ. މަސައްކަތްކުރަމުންމިދަނީ މިފްކޯއަކީ ގެއްލުން ނުވެ މަސައްކަތްކުރާ ކުންފުންޏަކަށް ހެދުމަށް" އަމްރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ މިފްކޯއަކީ ގެއްލުންނުވެ ހިންގާ ތަނެއްގެ ގޮތުގައި ކުރިއަށްގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

މިފްކޯގެ ދަރަނި ބޮޑުވުމުގެ ސަބަބުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ ބަދަލުކުރީ 2016 ވަނަ އަހަރުއެވެ.