ޚަބަރު

ބަވަތިގެ ޓްރެއިލަރ ވަރަށް ކަމުދޭ


އަންނަ ސެޕްޓެމްބަރު މަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ "ބަވަތި" މި ފިލްމަކީ ގިނަބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ. ވާހަކަ ލިޔެ، ޑައިރެކްޓްކޮށްފައިވަނީވެސް މި ދާއިރާއަށް މުޅިން އާ ފަންނާނެއްކަމަށްވާ އިލްޔާސް ވަހީދެވެ. ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދަނީ ނުޒުހަތު ޝުއައިބާއި، ފިލްމީ ދާއިރާއަށް މުޅިން އަލަށް ތަޢާރަފުވާ އަޙްމަދު އިފްނާޒު ފިރާގެވެ.

ބަވަތިގެ 2 ޓީޒަރ ޓްރެއިލަރއެއް އާއްމުކޮށްފައިވާއިރު، ފިލްމުގެ ކުރު ޙުލާސާއެއް ހިމެނޭ ދިގު ޓްރެއިލަރ ރޭ މިވަނީ ރިލީޒްކޮށްފައެވެ. 1 މިނެޓް 43 ސިކުންތުގެ މި ޓްރެއިލަރގެ ހިތްގައިމުކަން އިތުރުކޮށްދެނީ ފިލްމުގައި ހިމެނޭ "މީ ބަލަ ލޯބިކަން އެނގޭހޭ؟" ލަވައިގެ ބައެއް ހިމަނާލާފައި ވުމުންނެވެ. މި ލަވަ އަދި ރިލީޒްކޮށްފައެއް ނުވެއެވެ.

މި ފިލްމަށް އޮތް ސަމާލުކަން ބޮޑުވެފައިވަނީ ދުވަސްކޮޅެއް ކުރިން ރިލީޒްކޮށްފައިވާ ފިލްމުގެ ޓައިޓަލް ނަމާއި ގުޅުވައިގެން ނެރެފައިވާ ޕްރޮމޯޝަނަލް ލަވައާއެކުއެވެ. އަމިއްލަ ރާގަކަށް ތައްޔާރުކޮށްފައިވާ މި ލަވައިގެ ޅެން ލިޔެފައިވަނީވެސް ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަޙީދެވެ. އަދި މިއުޒިކް ތައްޔާރުކޮށްދީފައިވަނީ މިސްޓީއެވެ.

މުޅި ފިލްމު ވަރަށްވެސް ކުރުކޮށް ފޮނިކޮށް ޕްރޮމޯޝަނަލް ލަވައިން ބުނެދޭއިރު، ޖައިޝާ މި ލަވަ ކިޔާފައިވާގޮތަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. ފިލްމަށް މުޅި ކްރޫ ކޮށްފައިވާ ބުރަ މަސައްކަތް ހަމައެކަނި މި ޕްރޮމޯޝަނަލް ލަވަ ބަލާލުމުންވެސް އެނގެއެވެ.

ބަވަތި މި ފިލްމުގެ ވާހަކަ މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ އާއިލީ މައްސަލަތަކެއްގެ ތެރެއިން ބޮޑުވެގެން އަންނަ އަންހެން ކުއްޖަކު، އުފާވެރި މުސްތަޤުބަލަކަށް އެދި ކުރާ އުއްމީދުތައް، ރޫޙާނީ ބާރެއްގެ ސަބަބުން ވިއްސި ވިހާލިވެގެންދާ ގޮތުގެ މައްޗަށެވެ.

މި ފިލްމު ޝޫޓިންގެ ހުރިޙާ މަސައްކަތެއް ނިންމާލާފައިވާއިރު، ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމުމަކާއި ގާތްވެފައިވާކަމަށް އައި ފިލްމްސް އިން ވަނީ ބުނެފައެވެ. މާލޭގެ އިތުރުން މި ފިލްމުގެ ބައެއް މަންޒަރުތައް ކ. ކާށިދޫގައިވެސް ޝޫޓްކޮށްފައިވެއެވެ.

ފިލްމަށް ގިނަ ބަޔަކު ކުރާ އުންމީދުގެ އެއް ސަބަބަކީ ފިލްމަށް ދީފައިވާ ތަފާތު ނަން ކަމުގައިވެސް ވެދާނެއެވެ. ބަވަތި އަކީ ކޮން އެއްޗެއްކަމާއި ފިލްމުގައި ވާގޮތް ބަލާލުމަށް ބެލުންތެރިން ތިބީ ކެތްމަދުވެފައެވެ.