ވިޔަފާރި

މިއަހަރު ނިމުމުގެ ކުރިން މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހަދާނަން - ރައީސް


މިއަހަރު ނިމުމުގެ ކުރިން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަކީ އަރަނި ކުންފުންޏަކަށް ބަދަލުކޮށް، އެތަނަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ގދ.ތިނަދޫގައި މިރޭ ބޭއްވި ޖަޒީރާ ހޮޅުއަށި ޕްރޮގްރާމުގައި މަސްވެރިންނާ މުޚާޔަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މަސްވެރިންނަށް އެންމެ ފައިދާހުރި ގޮތަކީ ގަނޑުކުރި ރޯމަހުގެ ގޮތުގައި ރާއްޖެއިންބޭރަށް މަސް އެކްސްޕޯޓުކުރުމުގެ ބަދަލުގައި ރާއްޖޭގައި އުފައްދާ ދަޅުމަސް އިތުރުކުރުންކަމަށެވެ. އެހެންކަމުން ސަރުކާރުން މަސައްކަތްކުރަމުން މިދަނީ މިފްކޯއަށް ހަރުދަނާ ބޮޑެތި ބަދަލުތަކެއް ގެނެސް މަހުގެ އުފެއްދުންތައް އިތުރުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

މިފްކޯއިން ހިންގާ ރަށްތަކުގެ ތެރެއިން މިވަގުތު ފައިދާ ވަނީ ހަމައެކަނި ފެލިވަރަށް ކަމަށާ، ކޫއްޑޫއާއި އައްޑުއާއި ކަނޑުއޮށްގިރިވެސް މިވަގުތު ހިނގަނީ ގެއްލުމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފެލިވަރަށް ފައިދާ ވަނީ މަސް ބަންދުކޮށް ބޭރު ކުރެވޭތީ ކަމަށާ، ދަޅުގައި މަސް ބަންދކުރުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަސްވެރިން ކިރާ މަހުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަހަރެއްގެ މައްޗަށް ދިވެހި މަސްވެރިން 150000 ޓަނުގެ މަސް ބާނާ ކަމަށެވެ. އަދި އޭގެ ތެރެއިން މިފްކޯއަށް ގަނެވެނީ 42،000 ޓަނުގެ މަސް ކަމަށާ، އަމިއްލަ ކުންފުނިތަކުން 100،000 ޓަނުގެ މަސް ގަންނަ ކަމަށެވެ. މަހަށް ބޮޑު އަގު ލިބެނީ ދަޅުގައި ބަންދުކޮށްގެން ވިއްކުމުން ކަމަށްވާއިރު، މިފްކޯއަށް ގަންނަ މަހުގެ ތެރެއިން ދަޅުގައި ބަންދުކުރެވެނީ 28 ނުވަތަ 30 އިންސައްތަ މަސްކަމަށް ވުމުން މަހުގެ ބާވަތްތަކުން ލިބޭ ނަފާ މަދުވާކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމަކު ފެންނަން އޮތް ހަގީގަތަކީ މިފްކޯގަ މިއަދު ފައިދާވާ ހަމައެކަނި ތަނެއްގެ ގޮތުގަ މިއަދު މިއޮތީ ފެލިވަރު، ފެލިވަރަކީ މަސް ބަންދުކޮށްގެން ބޭރުކުރާ ތަނެއް. ކޫއްޑޫ ވިޔަސް، އައްޑޫ ވިޔަސް، ކަނޑުއޮށްގިރި ވިޔަސް މިވަގުތު އެހިނގަނީ ގެއްލުމުގަ. އެހެން ކަމުން ރާއްޖެއަށް މިބާނާ މަސް، އަދި މިފްކޯއަށް މި ގަންނަ މަސް ޕްރޮސެސްކޮށްގެން ބަންދުކޮށްގެން ބޭރުކުރެވިއްޖެއްޔާ މިހާރު މިލިބޭ އަގަށްވުރެ ބޮޑު އަގެއް ލިބުމަކީ ޝައްކެއް ނެތް ކަމެއް. އެހެން ކަމަށްވާނަމަ މަސްވެރިންނަށް މިފްކޯއިން މަސް ގަންނަން ލިބޭ އަގު އިތުރުކުރެވޭނެ. އެހެން ކަމުން މިފްކޯއަށް ސަރުކާރުން ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މަސްވެރިން ބާނާ މަސް ކިރުވޭނެ އިންތިޒާމް މިހާރު އޮންނަގޮތުން މަސްވެރިންނަށް އުނދަގޫތަކެއް ނުވަތަ ގޮންޖެހުންތަކެއް ދިމާވާކަމަށެވެ. އަދި އެކަންކަން ޙައްލު ކުރުމަށްޓަކައި ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ނުވަތަ ކޮންމެ ރަށަކުންވެސް މަސް ގަނެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ފަސޭހަވާނެ ކަމެއް ކަމަށާއި އެއީ ސަރުކާރުގެ އަމާޒެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިފްކޯއަކީ ގެއްލުންނުވެ ހިނގާ ތަނެއްގެ ގޮތުގައި ހެދުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ވައުދެއްކަމަށާ، އެމަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާކަމަށެވެ. އަދި މިއަހަރު ނިމުމުގެކުރިން މިފްކޯއަކީ ގެއްލުންނުވެ ހިންގޭތަނަކަށް ބަދަލުވެގެން ދާނެ ކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކެމްޕެއިން ތެރޭގައިވެސް ވައުދުވީ ފަދައިން، ފުރަތަމަ ކަމަކަށް މިފްކޯއަކީ ގެއްލުން ނުވެ ހިންގާ ތަނެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އެބަ ގެންދޭ. އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން މިފްކޯއަކީ ގެއްލުންނުވެ ހިންގޭ ތަނަކަށް ބަދަލުވެގެން ދާނެ. އަދި އެއަށްފަހުގައި ރާއްޖެއަށް ބާނާ މަސް އިތުރަށް ޕްރޮސެސްކޮށް އިތުރު އަގު ހޯދޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތިނަދުއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނާއެކު، ނާއިބު ރައީސް ފައިސަލް ނަސީމާއި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދާއި ބައެއް މިނިސްޓަރުންނާއި، ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ޖަޒީރާ ހޮޅުއަށްޓަކީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ތަފާތު މައްސަލަތަކާއި، ތަފާތު ސިނާޢަތްތައް ކުރިއެރުވުމުގައި ސަރުކާރުން ކުރާ މަސައްކަތްތައް ހަރުދަނާކުރުމުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކެކެވެ. އެގޮތުން މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކުރުމާއި ގުޅޭގޮތުން ބާއްވާފައިވާއިރު، ދެވަނަ ބައްދަލުވުން އަމާޒުކޮށްފައިވަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ޙަރުދަނާކުރުމާއި ގުޅޭގޮތުންނެވެ.