މުނިފޫހިފިލުވުން

މެލެފިސެންޓް 2 - އަނެއްކާވެސް ޑިޒްނީގެ ކާމިޔާބީއަށް އިތުރުވާ ބޮޅެއް


މެލެފިސެންޓް 2 ގެ އޮފިޝަލް ޓްރެއިލަރއާއެކު އެ ފިލްމަށް ކުރެވޭ އުންމީދު މިވަނީ އެތަށް ގުނައެއް ބޮޑުވެފައެވެ.

"މެލެފިސެންޓް" އަކީ 1959 ވަނަ އަހަރު ވޯލްޓް ޑިޒްނީއިން ރިލީޒްކުރި އެނިމޭޓެޑް ކާޓޫން "ދަ ސްލީޕިން ބިއުޓީ" އަސްލަކަށް ބަލައިގެން 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމެކެވެ. މި ކާޓޫނުގައި އީވްލް ކުއީންގެ ގޮތުގައި މެލެފިސެންޓް ފެނުނެއްކަމަކު، މި ފިލްމުގައި މެލެފިސެންޓްގެ ކެރެކްޓަރއާއި އޭނާގެ ވާހަކަ ގެނެސްދީފައިވަނީ ވަރަށްވެސް ތަފާތު ގޮތަކަށެވެ.

2014 ވަނަ އަހަރުގެ ކާމިޔާބީއަށް ބަލާ، ފިލްމުގެ ދެވަނަ ބައެއް ނެރޭނެކަން ޑިޒްނީއިން އިޢުލާންކުރި ހިސާބުން ފެށިގެން ގިނަ ބަޔަކު ތިބީ މެލެފިސެންޓްގެ ދެވަނަ ބައެއް ބަލާލުމަށް ކެތްމަދުވެފައެވެ. މެލެފިސެންޓްގެ ސީކުއެލް "މެލެފިސެންޓް - މިސްޓްރެސް އޮފް އީވްލް" މިއަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާއިރު، ފިލްމުގެ ވާހަކަ ކުރުގޮތަކަށް ކިޔައިދޭ އޮފިޝަލް ޓްރެއިލަރއެއް މިހާރުވަނީ އާއްމުންނަށް ދޫކޮށްލާފައެވެ.

މިފަހަރުގެ ފިލްމުގައިވެސް މެލެފިސެންޓްގެ ރޯލުން ފެނިގެންދަނީ ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީއެވެ. ޕްރިންސަސް އަރޯރާގެ ރޯލުން އެލް ފެނިންގް ފެނިގެންދާއިރު، މިޝޭލް ފިފާގެ ތަފާތު ކެރެކްޓަރެއްވެސް މި ފިލްމުން ފެންނިގެންދެއެވެ. އަދި ޕްރިންސް ފިލިޕްގެ ރޯލު އަދާކުރަނީ ހެރިސް ޑިކްސަންއެވެ.

މެލެފިސެންޓްގެ ފުރަތަމަ ބައި ބޮކްސް އޮފީހުގައި ވަނީ 758.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. މެލެފިސެންޓް 2 ގެ ޓްރެއިލަރއާއެކު މި ފިލްމަށް ކުރެވޭ އިންތިޒާރު މިހާރު ބޮޑުވެފައިވާއިރު، މިމަހުގެ 17 ވަނަ ދުވަހު ޑިޒްނީގެ ކޮމްޕިއުޓަރ އެނިމޭޓަޑް މިއުޒިކަލް ޑްރާމާ ލަޔަން ކިންގް ރިލީޒްކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.