ޚަބަރު

ހައްޖު ކޯޕަރޭޝަނަށް 2 ވަނަ ކޯޓާއަށް މީހުން ހަމަޖައްސައިފި


މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދަން ލިބުނު ދެވަނަ ކޯޓާގައި ހައްޖު ކޯޕަރޭޝަނަން ލިބިފައިވާ ކޯޓާ ބަހައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްމާޢީލް ޙަމީދު ވިދާޅުވީ ދެވަނަ ބުރުގައި އެ ކޯޕަރޭޝަންއަށް ލިބުނު 500 ކޯޓާގައި ޙައްޖަށް ދިޔުމުގެ ފުރުޞަތު ލިބިފައިވާކަން ޙައްޖަށް ދާން ބޭނުވެގެން ފައިސާ ދައްކާފައިވާ ފަރާތްތަކަށް އަންގާފައިވާކަމަށެވެ.

އަދި މީގެ ތެރެއިން މިއަހަރު ޙައްޖަށް ދާން ބޭނުން ނުވާ ފަރާތްތައް އެ ފުރުޞަތު ދޫކޮށްލުމުން ނަންނޯޓުކޮށްފައިވާ ފާރާތްތަކުގެ ތަރުތީބުން ދޫކުރަމުންގެންދާނެކަމަށެވެ. މިގޮތުން މިހާރުވެސް ތޭވީސް ހާސް މީހުން ޙައްޖަށް ދިއުމަށް އެދި ހަތްދިހަ ފަހެއް އިންސައްތަ ފައިސާ ދައްކާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ މިއަހަރުގެ ޖާގަ ގަބޫލު ނުކުރާނަމަ، އުސޫލުގައިވާ ގޮތަށް ޖެހިގެން އަންނަ އަހަރުގެ ކޯޓާއިން ޖާގަ ދެވޭނެކަމަށެވެ.

ޙައްޖު ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ދެވަނަ ކޯޓާގައި ޖާގަ ލިބޭ ފަރާތްތަކަށް ޖާގަ ލިބުނުކަން އެންގުމަށްޓަކައި، އެކޯޕަރޭޝަން އަށް ދީފައިވާ ފޯނު ނަމްބަރުތަކަށް، އެސް.އެމް.އެސް މެދުވެރިކޮށް އަންގާނެކަމަށެވެ. އަދި އެސް.އެމް.އެސް ފޮނުވާތާ ދެދުވަސް ތެރޭ ދައުވަތު ބަލާ ނާންނަނަމަ، ދީފައިވާ ފޯނު ނަމްބަރަށް ގުޅުމަށް ފަހު ޖާގައާމެދު ޢަމަލު ކުރަން ބޭނުންވާގޮތެއް އޮޅުން ފިލުވާނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. ނަމަވެސް ފޯނުން ނުގުޅޭ ފަރާތްތަކަށް އިތުރަށް އެއް ދުވަސް ދިނުމަށްފަހު، އެފަރާތުގެ ޖާގަ ބާޠިލުކޮށް އުސޫލުގައި ވާގޮތަށް އެޖާގަ ޖެހިގެން އޮންނަފަރާތައް ދޭނެކަމަށް އެ ކޯޕަރޭޝަނަނުން ބުނެއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ރާއްޖެއަށް ލިބުނު ދެހާސް ކޯޓާގެ ތެރެއިން އެއް ހާސް ފަންސާސް ކޯޓާ ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. އަދި މީގެ ތެރެއިން ފުރަތަމަ ބުރު ލިބުނު ފަސް ސަތޭކަ ފަންސާސް ކޯޓާގެ ތެރެއިން އަށްޑިހަ ކޯޓާވަނީ އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ރިޒާވްކޮށްފައެވެ. ސާދަ ސަތޭކަ ތިރީސް ހަތަރުވަނަ އަހަރުގެ މަލީޝާ ޖަމާޢަތަށް ފައިސާ ދައްކާ ޙައްޖަށް ދެވިފައިނުވާ ފަރާތްތައް ޙައްޖަށް ގެންދަން ހަމަޖެހިފައިވަނީ މި ކޯޓާގެ ދަށުންނެވެ.