ޚަބަރު

މީޑިއާގެ މިނިވަންކަމަށް އެއްބާރުލުން ދިނުމުގެ ބައިނަލްއަޤްވާމީ އިޤްރާރެއްގައި ރާއްޖެއިން ސޮއިކޮށްފި


މީޑިއާގެ މިނިވަންކަމަށް އެއްބާރުލުން ދިނުމުގެ ބައިނަލްއަޤްވާމީ އިޤްރާރެއްގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި އިޤުރާރުގައި ސޮއިކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި މިމަހުގެ 10 އިން 11 އަށް ބޭއްވި "ގްލޯބަލް ކޮންފަރެންސް ފޯރ މީޑިއާ ފްރީޑަމް"ގެ ހަވާސާގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަޙަނާޒް ފައިޞަލެވެ.

މީޑިއާގެ މިނިވަންކަމަށް އެއްބާރުލުން ދިނުމުގެ ބައިނަލްއަޤްވާމީ މި ޤަރާރު އެކުލެވިގެންވަނީ މައިގަނޑު 6 ކަމެއްގެ މައްޗަށެވެ. އޭގެތެރޭގައި ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މީޑިއާތަކަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލާ، މީޑިއާގެ މިނިވަންކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ކުރުމަށާއި، މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް ބޭނުންވާ އެންމެ އަސާސީ ހައްޤުތައް ހިމާޔަތްކޮށް، އެކަންކަން ތަންފީޒުކުރުން ހިމެނެއެވެ. އަދި ސަރުކާރުތައް ޒިންމާދާރުކުރުވާ، ސަރުކާރަށް ފާރަވެރިވުމަށް ކުރާ މަސައްކަތް ދެމެހެއްޓެނެވިގޮތެއްގައި ކުރުމުގައި ތަފާތު މީޑިއާ އޯގަނައިޒޭޝަންތަކާއި، ނޫސްވެރިންނާއި، ލޯޔަރުންނާއި، އާއްމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ނޫސްވެރިންނަށް އެމީހުންގެ ވަޒީފާއާއި މަސްޢޫލިއްޔަތު އަދާކުރުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުމަށް އދ. އާއި ބައިނަލްއަޤްވާމީ އެހެނިހެން ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާ މަސައްކަތްތަކުގައި އެއްބާރުލުންދީ، އާއްމު ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ، ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދިނުންވެސް ހިމެނެއެވެ.

އަދި ނޫސްވެރިކަމުގެ އަސާސްތައް ނަގަހައްޓާ، މީޑިއާތައް ރެގިއުލޭޓްކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށް ކޮންމެ އަހަރަކު އެއްފަހަރު ބައްދަލުވެ، މީޑިއާތަކަށް ކުރިމަތިވާ ތަފާތު ނުރައްކާތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުންވެސް މި ޤަރާރުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.