މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ދަރިފުޅުކަން އެނގިއްޖެއެވެ.
ބޮޑުތަކުރުފާނު މަގުގައި ހިނގި އެއެކްސިޑެންޓުގައި ސައިކަލުގައި ތިބީ 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.
ޕީއެސްއެމް ނިއުސްއަށް އެނގިފައިވާގޮތުގައި މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅު އަލްސަން މުހައްމަދުއެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި އިން 16 އަހަރުގެ ކުއްޖާ އާއި ޒެބްރާ ކްރޮސްއިން ހުރަސްކުރި 40 އަހަރުގެ މީހާގެ ވެސް ހާލު ސީރިއަސްކަމަށް ފުލުހުން ވިދާޅުވެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ޒިބްރާ ކްރޮސްއިން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލް މިޑިއާގައި ދައުރުވާއިރު އެ ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އެކްސިޑެންޓްވި ސައިކަލާއި ހެލްމެޓެއްގެ ބައިތައް ވަކިވެ ބިންމަތީގައި ހުރިއިރު، ޕިކަޕުގެ ކުރީކޮޅު ވެސް އޮތީ ހަލާކުވެފައެވެ.