ވިޔަފާރި

މޯލްޑިވްސް އިސްލާމިކް ބޭންކުން އިންޓަނޭޝަނަލް ކާޑު ތައާރަފްކުރަނީ


މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ވަރަށް އަވަހަށް އިންޓަނޭޝަނަލް ކާޑު ތައާރަފްކުރާނެކަމަށް އެ ބޭންކުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗީޕް އޮޕަރޭޓިންގ އޮފިސަރ އަޙްމަދު ރިޒާ ވިދާޅުވީ، އެ ބޭންކުން އިންޓަނޭޝަނަލް ކާޑެއް ތަޢާރަފްކުރުމަށް މަސައްކަތްކުރަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެކަމަށެވެ. އެގޮތުން މިކަމަށް ބޭނުންވާ ހުއްދަތައް ލިބިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ކާޑު ޓެސްޓުކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން އެ ބޭންކުގެ ކަސްޓަމަރުންނަށް ވަރަށް އަވަހަށް އިންޓަނޭޝަނަލް ކާޑު ތައާރަފްވެގެންދާނެކަމަށް ރިޒާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހިންނަކީ ވަރަށް ގިނައިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ބަޔަކަށްވެފައި، އޮންލައިން ވިޔަފާރިވެސް ވަރަށް ގިނައިން ކުރާ ބަޔަކަށްވުމުން މި ކާޑުގެ ސަބަބުން އެ ބޭންކުގެ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ އެ ކާޑުގެ ޓެސްޓިންއާއި ކޮންޕްލަޔަންސް އަށް ބޭނުންވާ ކަންތައްތައް ކުރަމުން. މާގިނަ ދުވަސްތަކެއްނުވެ އިންޓަނޭޝަނަލް ކާޑު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފެނިގެންދާނެ." އަޙްމަދު ރިޒާ ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ކާޑުގެ އިތުރުން ވަރަށް އަވަހަށް ސެލްފް ސާރވިސް ބޭންކިންގެ ޙިދުމަތްވެސް ތަޢާރަފްކުރުމަށް ތައްޔާރުވަމުން އަންނަކަމަށް އެމްއައިބީން ބުނެއެވެ. އިންޓަނޭޝަނަލް ކާޑު ތައާރަފްކުރުމުގެ ކުރިންވެސް އިތުރު އައު ޙިދުމަތްތަކެއް ކަސްޓަމަރުންނަށް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްއައިބީން ބުނެއެވެ. މީގެއިތުރުންވެސް ޑިޖިޓަލް ބޭންކިންގ ޓެކްނޮލޮޖީއަށް އިންވެސްޓްކުރަމުންދާކަމަށްވެސް އެ ބޭންކުން ބުނެއެވެ.