ޚަބަރު

އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި


މާލޭގައި މީހުން ދިރިއުޅޭ ގެތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް އެ ތަންތަނަކީ މީހުން ދިރިއުޅެން އެކަށިގެންވާ ތަންތަންތޯ ބެލުމަށް ޕްލޭނިންގ މިނިސްޓްރީން އަނެއްކާވެސް އިލްތިމާސްކުރައްވައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް އިލްތިމާސްކުރައްވާފައި މިވަނީ ފަހަކަށް އައިސް މީހުން ދިރިއުޅެމުންދާ އިމާރާތްކުންނާއި ހަދަމުންދާ އިމާރާތްތަކުން އެކި ކަހަލަ ތަކެތި ވެއްޓި މީހުންނަށް ގެއްލުންވެ ބައެއް މީހުންގެ ފުރާނައަށާއި މުދަލަށް ގެއްލުންވެ ހިތާމަވެރި ހާދިސާތައް ހިނގަމުންދާތީއެވެ.

ޕްލޭނިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ބޭނުންކުރަމުންދާ ޢިމާރާތްތަކުގައި ހުންނަންޖެހޭ ސަލާމަތީ ކަންތައްތައް ފުރިހަމަވެފައި ނެތުމުން ދިމާވާ ހިތާމަވެރި ޙާދިސާތައްވެސް ގިނަވަމުން އަންނަކަމަށެވެ. އެގޮތުން އެފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް އިމާރާތްތަކުގެ ވެރިފަރާތްތަކުން، އިމާރާތުގައި ހުންނަންޖެހޭ ސަލާމަތީ ކަންތައްތައް ހުރީ ފުރިހަމަވެފައިކަން ކަށަވަރުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ އުސްކޮށް ޢިމާރާތް ކޮށްފައި ހުންނަ ގެތަކަށް ބަދަލުވާއިރު އެ އިމާރާތަކީ މާލެ ސިޓީ ކައުންސިލުން ދިރިއުޅުމުގެ ހުއްދަ ދޫކޮށްފައިވާ އިމާރާތެއްތޯ ކަށަވަރުކޮށް އެފަދަ ތަންތަނުގައި ހުންނަންޖެހޭ ރެއިލިންގ ފަދަ ސަލާމަތީ ކަންތައްތައް ފުރިހަމަކޮށްފައިވޭތޯ ބެލުން މުހިންމު ކަމަށެވެ.

މީގެ އިތުރުން ޢިމާރާތްތަކުގެ ވެރި ފަރާތުން ޢިމާރާތް ބޭނުންކޮށް، އަދި ކުއްޔަށްދޫކުރަން ވެސް ވާނީ މާލެ ސިޓީ ކައުންސިލުން ދޫކުރާ، ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ފަހުގައިކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.

އެ މިނިސްޓްރީން ވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ ތަންތަނުގައިވެސް ޤަވާއިދާ އެއްގޮތަށް ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްފަހު މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ. އިމާރާތްތަކާއި ކޮންސްޓަރކްޝަން ސައިޓްތަކުގައި ދިމާވާ ހާދިސާތައް މަދުކުރުމަށް ކަމާ ގުޅުން ހުރި ފާރާތްތަކުން ސައިޓްތަކަށް ޒިޔާރަތްކޮށް، އެތަންތަނުގެ ސަލާމަތީ ކަންތައްތައް ހުންނަ ގޮތުގެ އިންސްޕެކްޝަން ހަދައި، އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް އަންގާ އެކަން ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން އަންނަކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ސަލާމަތީ ގޮތުން ރައްކާތެރި ނޫން ހާލަތެއްގައި އެއްވެސް ޢިމާރާތެއް ނުވަތަ ޢިމާރާތެއްގެ ބައެއް ނުވަތަ ތަނެއް ހުރިކަން އެއްވެސް ފަރާތަކަށް ފާހަގަކުރެވިއްޖެނަމަ، އެކަން މިނިސްޓްރީއަށް އެންގުމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ