ކުޅިވަރު

އައިއޯއައިޖީ: ރާއްޖޭގެ ކޮންޓިޖެންޓްގެ ޓްރެވެލް ޕާޓްނަރ އަކަށް މޯލްޑިވިއަން


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާށްގައި ބައިވެރިވާ ދިވެހި ކޮންޓިންޖެންޓްގެ މޮރީޝަސް ދިޔުމާއި އެނބުރި އައުމުގެ ޒިންމާއާއި ރާއްޖޭގެ ޤައުމީ އެއާލައިންސް މޯލްޑިވިއަނުން ހަވާލުވެއްޖެ އެވެ.

ފުޓްބޯޅަ ފިޔަވައި އެހެން ހުރިހާ ކުޅިވަރެއްގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުންގެ އިތުރުން ނޫސްވެރިންނާ އެކު މޯލްޑިވިއަން އިން 200 މެމްބަރުންގެ ކޮންޓިންޖެންޓްގެ ފުރާނީ މިމަހުގެ 17 ގައެވެ.

މޯލްޑިވްސް އޮލީމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަޙުމަދު މަރްޒޫޤް ވިދާޅުވީ، އައި.އޯ.އައި،ޖީ ގައި ރާއްޖެ ތަމްސީލު ކުރުމަށް ދާއިރު މޯލްޑިވިއަންގައި މުޅި ކޮންޓިންޖެންޓް ދަތުރު ކުރުމަކީ ދިވެހި ހުރިހާ އެތްލީޓުންނަށްވެސް ލިބޭނެ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި އެހެން ފަހަރުތަކު ދިގު ދަތުރެއް ކުރާއިރު އުނދަގޫ ވަގުތެއްގައި ދަތުރުކުރަން ޖެހުމުން އެކަމުގެ ތަކުލީފު އެތްލީޓުންނާއި ޓީމު ތަކުގެ މެނޭޖަމަންޓަށް އުފުލަން ޖެހޭކަމަށާއި، ނަމަވެސް މިފަހަރު ޓީމުތަކަށް އެންމެ ފަސޭހަ ވަގުތަށް މޯލްޑިވިއަންއިން ފްލައިޓު ހަމަޖައްސައިދިނުމަކީ ހުރިހާ އެތްލީޓުންނަށްވެސް ލިބުނު ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް ކަމަށްވެސް މަރްޒޫޤް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަން ގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ، މޯލްޑިވިއަންއިން އަބަދުވެސް މަސައްކަތް ކުރަނީ ކުޅިވަރަށް ޚިދުމަތް ކުރުމުގައި އެންމެ އިސް ސަފުގައި އޮންނަން ކަމަށާއި، ޚާއްސަކޮށް އައި.އޯ.އައި.ޖީ ފަދަ ބޮޑު ގޭމްސްއަކަށް ދިވެހި ބޮޑު ކޮންޓިންޖެންޓެއް ގޮވައިގެން ދަތުރުކުރުން ވެގެންދާނީ މޯލްޑިވިއަންއަށްވެސް ލިބޭނެ ބޮޑު ފަޚުރަކަށް ކަމަށެވެ.