ސިޔާސީ

އާބާދީގައި ބިދޭސީން އިތުރުވުމަކީ އިޤްތިޞާދަށް އޮތް ބިރެއް - ރައީސް


މިއަހަރު ނިމޭއިރު ރާއްޖޭގެ އާބާދީ ފަސްލައްކައަށްވުރެ މައްޗަށް އަރާނެކަމަށް ލަފާކުރެވޭއިރު ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތިރީސް އިންސައްތަ ބިދޭސީންނަށްވުމަކީ ޤައުމުގެ އިޤްތިޞާދަށް އޮތް ބިރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައިބޭއްވި ރަސްމިއްޔާތުގައި ވާހަކފުޅު ދައްކަވަމުންނެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވަނީ އާބާދީގެ ތަފާސްހިސާބުތަކުގެ މައްޗަށެވެ. އެގޮތުން އުފަންވެނި ޞިއްޙަތަށާއި ދަރިމައިވުމުގެ ޞިއްޙަތަށް ޤައުމީ ފެންވަރުގައި ދިން ސަމާލުކަމުގެ ސަބަބުން ވިހެއުމުގެ ތެރޭގައި މައިންނާއި ތުއްތުކުދިން މަރުވާ ނިސްބަތް ވަރަށްބޮޑަށް ދަށްކުރެވިފައިވާކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް ޅަފަތުގައި ކުދިން މަރުވާ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އުފަންވާއިރު ދިރިހުންނާނެ ކަމަށް ލަފާކުރެވޭ އެވްރެޖް ޢުމުރު ކުރިއާ އަޅައިބަލާއިރު މިހާރު 10 އަހަރު އިތުރުވެފައިވާކަމަށެވެ. އަދި 10 އަހަރުގެ ރަސްމީ ތަޢުލީމު ހާސިލުކުރާ ކުދިންގެ ނިސްބަތްވެސް ވަރަށް ބޮޑަށް މަތިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އާބާދީއާއި ތަރައްޤީ، އެއްހަމަ ކުރުމުގައި އަދިވެސް ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަދިވެސް ޙައްލުކުރަންޖެހޭ އެތައް މައްސަލަތަކަކާއި ހާސިލުކުރަންޖެހޭ ލަނޑުދަނޑިތަކެއް އެބަހުރިކަމަށެވެ.

އަދި މުޖުތަމަޢުގެ އެންމެ ނާޒުކު ޙާލަތުގައި ތިބި އަންހެނުންނާއި އަންހެންކުދިންގެ އުފަންވެނި ޞިއްޙަތު ރަނގަޅު ކުރުމަށް އަދިވެސް ގިނަ ކަންތައްތަކެއް ކުރަންޖެހޭކަމަށާ، ދެޖިންސުގެ ހަމަހަމަކަމަށްވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް މިކަންކަން ފުރިހަމަކުރުމަށްޓަކައި މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ޤައުމީ ތަރައްޤީ އަމާޒުވާންވާނީ، ފަރުދުންގެ ޞިއްޙީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ކުރިއެރުމަށްކަމަށް ވިދާޅުވިއެވެ.

"އިންސާނީ އަސާސީ ޙައްޤުތައް ހޯދައިދިނުމާއެކު، ތަޢުލީމީ ޤާބިލް ޖީލެއް ބިނާކުރުމަށް. ހަމައެފަދައިން، ފަރުދީ ތަރައްޤީއަށް ބޭނުންވާ މިންވަރަށް ރައްޔިތުން ބާރުވެރިކޮށްދިނުމަށް. މިހާރުގެ އަންދާޒާތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު، 533000 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅޭނެ. އޭގެ ތެރެއިން 30 އިންސައްތައަކީ ބިދޭސީން. އެމީހުންގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ލިބޭ. ނަމަވެސް ރާއްޖޭގެ އާމްދަނީގެ ވަރަށް މަތީ މިންވަރެއް، އެމީހުންގެ ސަބަބުން ރާއްޖެއިން ބޭރުވެގެންދާކަމީވެސް ފެންނާން އޮތް ޙަޤީޤަތެއް.މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނައި، އަވަސް ޙައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް." ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު ފުރިހަމަކުރާނެ ދިވެހީންތަކެއް އުފެއްދިގެން ނޫނީ، ރާއްޖެއަށްލިބޭ ޢަމްދަނީ ނުހިފޭއްޓެނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންކަމުން އެކަންކަން ހައްލުކުރުމަށް މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިކަންކަމަށް ރިޢާޔަތްކޮށް ރާއްޖޭގެ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް. ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން، ހެޔޮގޮތުގައި ހިފޭނެގޮތް ހެދުމަށްޓަކައި، މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ސަރުކާރުން ވަނީ ރާވާފައި." ރައީސް ވިދާޅުވިއެވެ.

ޤައުމެއްގެ އެންމެ އަގުބޮޑު ޚަޒާނާއަކީ އެޤައުމެއްގެ އާބާދީކަން ފާހަގަކުރައްވައި ރައީސްވަނީ ރާއްޖެއަށްލިބޭ ކުރިއެރުމާއި ތަރައްޤީގެ ފައިދާ، ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އާބާދީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނެ ދާއިރާތަކަކީ ކޮބައިތޯ ބަލަންޖެހޭކަމަށް ވިދާޅުވެފައެވެ.

"އެކަންކަމަށް ވިސްނާއިރު ކޮންމެ ފަރުދަކީ ޤާބިލް، އުފެއްދުންތެރި، ހުނަރުވެރި އަދި އީޖާދީ މީހަކަށް ހެދޭފަދަ ގޮތަކަށް، ތަޢުލީމީ ސިޔާސަތު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް. އަދި ޤައުމީ ތަރައްޤީގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ރަނގަޅު ކާނާއާއި، ދުޅަހެޔޮ ޞިއްޙަތުގެ ޒަރީޢާއިން ރައްޔިތުންގެ ހަށިހެޔޮކަން އިތުރުކުރަންޖެހޭނެ" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތާއި، ވިހާ މަރުވާ ނިސްބަތް އަޅައިކިޔުމުން 2054ވަނަ އަހަރާ ހަމައަށް ދާއިރު، ޢުމުރުން ދުވަސްވީ މީހުންގެ އާބާދީ މަތިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އާބާދީގެ 14 އިންސައްތައަކީ ދޮށީ ޢުމުރުގެ މީހުންނަށް ވެގެންދާނެކަން ލަފާކުރައްވާ ރައީސް ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް، މަސައްކަތްކުރާ ޢުމުރުގެ އާބާދީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ފަހަށް ރައްކާކުރުމުގެ ސަޤާފަތް އަށަގަންނުވަން މިހާރުއްސުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

މިހާރުގެ ތަފާސްހިސާބުތަކަށްބަލާއިރު ރާއްޖޭގެ މިހާރުގެ އާބާދީގެ 36 އިންސައްތައަކީ ޒުވާނުންނެވެ. އަދި މަސައްކަތްކުރާ ޢުމުރުފުރާގެ މީހުންގެ ނިސްބަތަކީ އާބާދީގެ 67 އިންސައްތައެވެ. ރައީސް ވިދާޅުވީ މައިންބަފައިންނާއި ބެލެނިވެރިންނަށް ބަރޯސާވެ ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުން ދިޔުމަކީ އިޤްތިޞާދަށް ލޮޅުންއަރާނެ ކަމެއްކަމަށެވެ. މިކަންކަން ޙައްލުކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ، ރަސްމީ ތަޢުލީމީ ނިޒާމާއި މަތީ ތަޢުލީމާ އެކުއެކީގައި، މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމުގެ ސިޔާސަތު ހަރުދަނާކުރުންކަމަށް ވިދާޅުވިއެވެ. އެނޫންގޮތަކަށް، އާބާދީއާ ފައިހަމަވާ މިންވަރަށް އިޤްތިޞާދު ކުރިއެއްނޭރުވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް މަތިކުރުމުގެ ގޮތުން ވަޒީފާދޭ ފަރާތްތަކާއި ބޭންކުތަކާ ގުޅިގެން، ސަރުކާރުން މަސައްކަތް ކުރަމުންއަންނަކަމަށާ ނަމަވެސް ފަރުދީ ޒިންމާ އުފުލައިގެން ދިވެހި ކޮންމެ ޒުވާނަކީ އަމިއްލަ ޢާމްދަނީގެ މައްޗަށް ދިރިއުޅުން ބިނާކުރާ ޒިންމާދާރު މީހަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދިވެހި ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.