ވިޔަފާރި

ޓޫރިޒަމް މިނިސްޓަރ 3 އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވައިފި


މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު 3 އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ހޮނިހިރުދުވަހުގެ ނިޔަލަށް ކުރިއަށްދާ މިދަތުރުފުޅުގައި ވ، މ، އަދި ފ އަތޮޅަށް ޓޫރިޒަމް މިނިސްޓަރ ވަޑައިގަންނަވާނޭކަމަށެވެ. މިގޮތުން ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ރަށްރަށަކީ ފ. މަގޫދޫ، ފ.ބިލެއްދޫ، މ.ވޭވަށް، މ.މުލި، ވ.ރަކީދޫ، ވ.ތިނަދޫ އަދި ވ. ކެޔޮދޫކަމަށް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މިދަތުރުފުޅުގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް މިނިސްޓަރ ބައްލަވާނެއެވެ. އަދި އެރަށްތަކުގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން އެރަށްރަށުގެ ކައުންސިލްތަކާއި ކަމާބެހޭ ފަރާތްތަކާ ޓޫރިޒަމް މިނިސްޓަރ ބައްދަލުކުރައްވާނެކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިިން އެ ތިން އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ބޭނުންވާ ސިޔާސަތު ބައްޓަންކުރުމުގައި ބޭނުންވާ ޚިޔާލާއި ލަފާވެސް މިނިސްޓަރ ހޯއްދަވާނެއެވެ.

ރާއްޖޭގައި ލޯކަލް ޓުއަރިޒަމް ފުޅާކޮށް، ކުރިއެރުވުމަށް ސަރުކާރުން ދަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރައްވަމުންނެވެ. މިމަސައްކަތުގެ ދަށުން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރައްވާ، އެކަމުގައި ހުރި ދަތިތަކާ ގޮންޖެހުންތައް ބައްލަވަމުންނެވެ.