ޚަބަރު

ރައީސްގެ އިލްތިމާސަށް އެއްވެސް ޕާޓީއަކުން އަދި ޖަވާބެއް ނުދޭ


ސަރުކާރާއެކު މަޝްވަރާކުރުމަށް އިދިކޮޅު ‏‏ސިޔާސީ ‏‏‏ފަރާތްތަކަށް ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏ކުރައްވާފައިވާ އިލްތިމާސަށް އަދި އެއްވެސް ޕާޓީއަކުން ރަސްމީ ސިފައެއްގައި ސަރުކާރަށް ޖަވާބު ދީފައި ނުވާކަމަށް ރައީސުލް ޖުމުހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.މުއާޒް ވިދާޅުވީ ބައެއް މީޑިއާ މެދުވެރިކޮށް އިދިކޮޅު ފަރާތްތަކުން މަޝްވަރާއަށް ވަޑައިގަތުމަށް ޝަރުތު ތަކެއް ކުރިމަތިކުރާ ކަމަށް ބުނި ނަމަވެސް ޤައުމާއި ރައްޔިތުންގެ މަންފާ އާއި ލާބައަށް ކުރައްވާ މަސައްކަތްތަކަށް ވަކި ވަކި ފަރުދުންގެ މަސަލަހަތަށް ވިސްނުމުގެ ބަދަލުގައި ހުރިހާ ރައްޔިތުންގެ މަސަލަހަތަށް ވިސްނާ މަޝްވަރާއަށް ވަޑައިގަންވާނެ ކަމަށް ސަރުކާރުން އުއްމީދުކުރައްވާކަމަށެވެ.ރާއްޖޭގެ ހަމަޖެހުމަށާއި، ރައްޔިތުންގެ ފައިދާއަށް ސަރުކާރާއެކު މަޝްވަރާކުރުމަށް އިދިކޮޅު ‏‏ސިޔާސީ ‏‏‏ފަރާތްތަކަށް ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވާފައިވަނީ މިދިޔަ ހަފްތާގައެވެ.ޓުވީޓަރ މެދުވެރިކުރައްވައި ޖުމުހޫރީ ޕާޓީގެ ލިޑަރ ޤާސިމް އިބްރާހީމްވަނީ ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ގޮވާލެއްވި ގޮވާލެއްވުމަށް މަރުހަބާ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމްޑީޕީން ބުނެފައިވަނީ މިމަޝްވަރާތަކުގައި އިސްވެ ތިއްބަވާނީ 13 އަހަރަށް ޖަލަށްލެވިފައިހުރި އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފުލުހުންގެ ބަންދުގައި މިބަގުތުހުރި ޗެއަރޕާސަން އަލީވަހީދުކަމަށެވެ.އަދާލަތު ޕާޓީގެ ޝަރުތަކީ އެ ޕާޓީގެ ރައީސް އިމްރާން އަބުދުﷲއާއި އަދި މެއި މަހުގެ އެއްވަނަ ދުވަހުގެ މުޒާހަރާ އާއި ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލުމެވެ.