ސިޔާސީ

45 ޤައުމެއްގައި ދިވެހިން ތަމްސީލުކުރާ ސަފީރުން، ރެކޯޑެއް


އެންމެ ގިނަ ޤައުމުތަކަށް ސަފީރުންނާއި، ނޮން-ރެސިޑެންޓް ސަފީރުން ކަނޑައަޅާ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފުޅާކޮށްފިއެވެ. މިއީ މިހާތާނަށް އެންމެ ގިނަ ސަފީރުންނާއި ނޮން- ރެސިޑެންޓް ސަފީރުން ރާއްޖޭގެ ސަރުކާރަކުން ކަނޑައެޅި ފުރަތަމަ ފަހަރުއެވެ. ރާއްޖެއިން ބޭރުގައި ތިއްބަވާ ދާއިމީ ސަފީރުންނާއި، ނޮން ރެސިޑަންޓް ސަފީރުން ރާއްޖޭގެ ތަމްސީލުކުރާ ޤައުމުތަކުގެ އަދަދު ވަނީ 45 އަށް އަރާފައެވެ.

ރާއްޖޭގެ އެމްބަސީ 16 ޤައުމެއްގައި ހުރެއެވެ. އެ އެމްބަސީތަކުގައި ދާއިމީކޮށް ތިއްބަވާ ސަފީރުން ވަނީ ކަނޑައަޅުއްވާފައެވެ. އެ އެމްބަސީތަކުގައި ތިއްބަވާ ސަފީރުން ނޮން- ރެސިޑަންޓް ސަފީރުންގެ ގޮތުގައި އިއްޔެވަނީ 25 ޤައުމަކަށް ކަނޑައަޅަފައެވެ. ބޭރު ޤައުމުތަކަށް ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ކަނޑައެޅުމަށް ފޮނުވާފައިވާ 11 ސަފީރަކަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރުހުން ދީފައެވެ.

  • ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ކަނޑައެޅި ޤައުމުތަކާއި ބޭފުޅުންނަކީ:
  • 1- ސީޝެލްސް، މޮރިޝަސް އަދި ކަޒަކަސްތާން : ސްރިލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢުމަރު ޢަބްދުލްރައްޒާޤު
  • 2- އަފްޤާނިސްތާނު އަދި ބޫޓާން : އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު މުޙައްމަދު ދީދީ
  • 3- ބުރުނާއީ އަދި އިންޑޮނޭޝިޔާ : މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިސާމް ޢަލީ
  • 4- އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް : ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ޢަބްދުﷲ މަޢުޞޫމް
  • 5- ރިޕަބްލިކް އޮފް ކޮރެއާ : ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް އުވައިސް
  • 6- ކުވޭތު އަދި ޖޯޑަން : ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް
  • 7- ބަޙްރައިން އަދި އޮމާން : އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ޙުސެއިން ނިޔާޒު
  • 8- އަޔަރލޭންޑް، ފްރާންސް އަދި ސްޕޭން : އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަޙަނާޒް ފައިޞަލް
  • 9- ޑެންމާކް، ނޯވޭ، ފިންލޭންޑް، ސުވިޑެން އަދި ރަޝިއަން ފެޑެރޭޝަން : ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ލަޠީފު
  • 10- ނެދަލަންޑްސް އަދި ލަގްޒަމްބާގް : ޔޫރަޕިއަން ޔޫނިއަންއާއި ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޙަސަން ޞާބިރު
  • 11- ކެނެޑާ : އެކުވެރި ދަޢުލަތްތަކުގެ ޖަމިއްޔާއާއި އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޛާ ޙުސެއިން

މި ޤައުމުތަކުގެ ތެރޭގައި މުޅިން އަލަށް ނޮން-ރެސިޑަންޓް ސަފީރުން ކަނޑައެޅި ޤައުމުތައްވެސް ހިމެނެއެވެ. އެ ޤައުމުތަކުގެ ތެރޭގައި ދުނިޔޭގެ ތެލުގެ މުއްސަނދިކަން ލިބިފައިވާ ޤައުމުތަކާއި ޔޫރަޕްގެ އެންމެ މުއްސަނދި ޤައުމުތައްވެސް ހިމެނެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ބޭރުގައި ދިރިއުޅޭ ދިވެހީންނަށް، ޚާއްޞަކޮށް ކިޔަވާކުދިންނަށް، ކޮންސިއުލަރ ޚިދުމަތްތައް، މި އަހަރުގެ ތެރޭގައި އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.

ދެކުނު އެފްރިކާ، އެމެރިކާގެ ވޮޝިންގ ޓަން، އަދި ރަޝިޔާގައި ދިވެހި އެމްބަސީއެއް ޤާއިމުކުރުރައްވާނެކަމަށާއި، ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ޤައިމުކުރައްވާނެކަންވެސް ރައީސް ވަނީ ވިދާޅުވެއެވެ. މީގެ ތެރެއިން ރަޝިޔާއަށް އިއްޔެވަނީ ނޮން- ރެޒިޑަންޓް ސަފީރެއް ކަނޑައަޅުއްވާފައެވެ. އަދި މި ހަތަރު ސަރަޙައްދުގައި އެމްބަސީ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފުޅާކުރުމުގެ ގޮތުން ޤައުމުތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އޮންނަ ގުޅުންވެސް އަންނަނީ ހަރުދަނާކުރަމުންނެވެ. އެގޮތުން ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައެޅުމުގެ އެންމެ ފަހުގެ މަސައްކަތްކުރަމުން އަންނަކަން ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖެ އޮތީ ބައިނަލްއަޤްވާމީ ދުނިޔެ އާއި އެކަހެރިވެފައިކަމަށާއި، އެ ގުޅުން ބަދަހިކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ސަރުކާރުގެ ފާއިތުވި 8 މަސް ދުވަހުގެ ތެރޭގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ 71 ޤައުމުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

ކުރު މުއްދަތެއްގައި ފޮރިން މިނިސްޓަރ ކުރެއްވި މި ދަތުރުތަކުގެ ނަތީޖާވެސް ފެންނަނީ ފޮނިކޮށެވެ. އެގޮތުން އެތައް ޤައުމަކާއި ގުޅުން ބަދަހިވުމުގެ އިތުރުން ދިވެހިންނަށް ފަސޭހައިން އެ ޤައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖެހިގެން ގޮސްފައެވެ. މި މަސައްކަތުގެ ދަށުން ލަންކާ އިންޑިއާއަށް ދާ ދިވެހިންގެ ވިސާގެ މުއްދަތު 90 ދުވަހަށް އިތުރުކުރުމާއި ތައިލޭންޑާއި ޔުއޭއީ އިން އޮން އެރަވައިލް ވިސާ ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިމަހުގެ 26 ވަނަދުވަހުން ފެށިގެން ރަޝީއާއިން ވެސް ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ވަރުގަދަވާކަން އެންމެ ބޮޑަށް ދައްކުވައިދިނީ ދާދީ ފަހުން ބޭއްވި މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމުންނެވެ. މި ފޯރަމްގައި ދުނިޔޭގެ އެހީދޭ ގިނަ ޤައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ބޭންކުތަކުން ގިނަ އަދަދެއްގެ މަންދޫބުން ވަނީ ބައިވެރިވަފައެވެ. އަދި ރާއްޖެއިން ހުށައެޅި ގިނަ ހުށައެޅުންތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންވެސް ވަނީ ދީފައެވެ.