ޚަބަރު

ރައީސް ނަޝީދުގެ އުފަން ދުވަހާއި ދިމާކޮށް އަނގޮޅިތީމުގައި ކަލްޗަރަލް ސެންޓަރެއް



ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އުފަން ދުވަހާއި ދިމާކޮށް ރ. އަނގޮޅިތީމުގައި ކަލްޗަރަލް ސެންޓަރެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނާއި ހިއްސާކުރައްވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ރާއްޖޭގެ އެކު ސަރަހައްދުތަކުގައި ކަލްޗަރަލް ސެންޓަރުތައް ތަރައްޤީކުރުމަށް އެ މިނިސްޓްރީން ނިންމާފައިވާކަމަށެވެ.

ކަލްޗުރަލް ސެންޓަރުތައް ތަރައްޤީކުރުމަށް ރާވާފައިވާ ރަށްތަކާއި ގުޅޭ ތަފްސީލު ދެއްވަމުން މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ފުރަތަމަ ކަލްޗަރަލް ސެންޓަރ ހުޅުވުމަށް ނިންމާފައިވަނީ ރ.އަނގޮޅިތީމުގަ ކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި މި މަސައްކަތް ކުރާނީ މަންޑޭލާ ފައުންޑޭޝަނާއި ގުޅިގެންކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

" ރައީސް ނަޝީދު އަރުވާލަފައި ހުރީ އަނގޮޅިތީމަށް ވީތީ، އަނގޮޅިތީމުގެ ތަރައްޤީއަށް ހުރަސް އަޅާފަ ހުރި ކަމުގެ ޝަކުވާ ލިބޭ، މި ސަޤާފަތް ޗޭންޖު ކުރަން ބޭނުންވަނީ، މިފަހަރުގެ ޕާޓްނަރ ޝިޕް ފޯރަމްގައި ވާނީ ސައުތު އެފްރިކާގެ އެމްބެސަޑަރާ އެކުގައި މަޝްވަރާކޮށްފައި، އަންނަ އަހަރު ރައީސް ނަޝީދުގެ އުފަންދުވަހު އެރަށުގައި މަންޑޭލާ ފައުންޑޭޝަނާއި ގުޅިގެން ކަލްޗަރަލް ސެންޓަރެއް ގެނައުމަކީ ކުރަން ވިސްނާފައި އޮތް ކަމެއް" މިނިސްޓަރ ވަޙީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކަލްޗަރަލް ޓޫރިޒަމް ތަރައްޤީކުރުމަށް ރަށްތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހދ.ކުޅުދުއްފުށީގައި ޝަހީދު ހުސެއިން އާދަމްގެ ހަދާނުގައި ކަލްޗަރަލް ސެންޓަރެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށާއި އައްޑޫ ސިޓީ އާއި ލ. ގަމާއި އއ. ތޮއްޑޫގައިވެސް ކަލްޗަރަލް ސެންޓަރއެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވަޙީދު ވިދާޅުވިއެވެ.

" ހދ. ކުޅުދުއްފުށީގައި ޝަހީދު ހުސެއިން އާދަމްގެ އެ ޤުރުބާނީ ފެންނަ ގޮތަށް ކަލްޗުރަލް ސެންޓަރެއް ގެންނަން ޖެހޭ، އޭގެ އިތުރުން އައްޑޫގައި ވަރަށް ރިޗް ހިސްޓްރީއެއް އެބަ އޮތް އިނގިރޭސިން އައްޑޫގައި އުޅުން އިރުގެ، އަޅުގަނޑުމެންގެ ޓާގެޓެއް އައްޑޫގައި ކަލްޗުރަލް ސެންޓަރެއް ތަރައްޤީކުރުމަކީ، އަދި ލ.ގަމާއި އއ. ތޮއްޑޫގައިވެސް ކަލްޗަރަލް ސެންޓަރއެއް ތަރައްޤީކުރާނަން،" މިނިސްޓަރ ވަޙީދު ވިދާޅުވިއެވެ.

ފަތުރުވެރިކަމުން ލިބޭ ނަފާ އާއްމު ރައްޔިތުންނަށް ލިބޭނެ ފަދަ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްޤީކޮށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.