ޚަބަރު

ރޯދަ އެލަވަންސް ދިނުމަށް ބޭނުންވާ ފައިސާ ރައީސް ހަމަޖައްސަވައިފި


ރޯދަ އެލަވަންސް ހަމަހަމަގޮތެއްގައި ސިވިލް ސާރވިސް މުވައްޒަފުންނަށް ދިނުމަށްޓަކައި، ބޭނުންވާ ފައިސާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ހަމަޖައްސަވައިދެއްވައިފިއެވެ.މިކަމާއިގުޅޭގޮތުން މައުލޫމާތުދެއްވަމުން ޕީ.ޕީ.އެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވީދާޅުވީ، ރޯދަ އިނާޔަތް ހަމަހަމަގޮތެއްގައި ދިނުމަށްޓަކައި ރައީސް އަބްދުﷲ ޔާމިންގެ އިސްނެންގެވުމާއިއެކު، އެމަނިކުފާނު އަމިއްލަފުޅަށް އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވާފައިވާކަމަށެވެ.ރޯދަ އެލަވަންސްގެ ގޮތުގައި މުވައްޒަފަކަށް އެންމެ މަދުވެގެން ތިން ހާސް ރުފިޔާ ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، މިއަހަރުގެ ރޯދަ އެލަވެންސްގެ ގޮތުގައި ދޫކުރުމަށް ބަޖެޓްކޮށްފައިވަނީ ނުވަދިހަ ދޭއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާކަމުން، ސިވިލް ސާރިވސް މުވައްޒަފުން ތިބި އަދަދަށް ބަލާ، އެކަން ކުރުމަށް އިތުރު ތިރީސް ހަ މިލިއަން ރުފިޔާ ބޭނުންވާކަމަށް ނިހާން ވިދާޅުވިއެވެ.ނިހާން ވިދާޅުވީ، ރޯދަ އެލަވަންސް ހަމަހަމަކުރުމަށް ވަޒީފާއާއި ބެހޭ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތަކުގެ ބިލް ތައްޔާރުވެފައިވާކަމަށާއި، މާދަމާގެ ވަގުތެއްގައި އެ އިސްލާޙްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ.މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ޖޫންމަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ނީހާން ވިދާޅުވީ، އެޖަލްސާގެ ތެރެއިން ވާޒީފާއާއި ބެހޭ ޤާނޫނަށް އިސްލާޙުގެނެސް، ރޯދަ އެލަވަންސް ދިނުމުގައި ރަނގަޅު ގޮތްތަކެއް ހަމަޖެހިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މިކަމުގެ ސަބަބުން، ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތްތައް ދިމާވާނެ ދަތިތައް ހައްލުކުރެއްވުމަށް ކުރިއަށް ހުރި ދުވަސްތަކުގައި މަސައްކަތް ކުރައްވާނެކަމަށްވެސް ނިހާން ވިދާޅުވިއެވެ.މިހާރު އަމަލުކުރަމުންދާ ވަޒީފާއާއި ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި މުސާރައިގެ ތިން ބައިކުޅަ އެއް ބައި ދޭންޖެހެއެވެ. ނަމަވެސް ދެހާހަށްވުރެ މަދުން މުސާރަ ލިބޭ މީހުންނަށް ރޯދަ މަހުގެ އެލަވަންސަށް ދެހާސް ރުފިޔާ ދޭންޖެހޭއިރު، މުސާރައިގެ ތިން ބައިކުޅަ އެއްބައި ދިހަ ހާސް ރުފިޔާއަށްވުރެ ބޮޑުނަމަ، ރޯދަ އެލެވެންސްގެ ގޮތުގައި ދިހަ ހާސް ރުފިޔާ ދޭންޖެހެއެވެ.