ސިޔާސީ

މުޒާހަރާއާއި ގުޅިގެން 30 މީހެއްގެ މައްޗަށް ޕީޖީ ދައުވާކުރަނީ


އިދިކޮޅު ފަރާތްތަކުން މިމަހުގެ އެއްވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާއާއި ގުޅިގެން ތިރީސް މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައިފިއެވެ.މޭ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާއި ގުޅިގެން ސަތޭކަ ސާޅީށް ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ.ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވީ، ސަތޭކަ ސާޅީށް ތިން މީހެއްގެ މައްޗަށް ދައުވާކުރަން އެއޮފީހަށް ފުލުހުން ފޮނުވި ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ބަލައިގަތީ ސަތޭކަ އަށާވީސް މައްސަލައެއް ކަމަށެވެ.ޕީޖީ އޮފީހުގެ އިތުރު ފުރުސަތު ކޮމެޓީއަށް ނުވަދިހަ އަށް މީހެއްގެ މައްސަލަ ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ފަނަރަ މީހެއްގެ މައްސަލަ އަނބުރާ ފޮނުވާލާފައި ވާއިރު، ތިރީސް މީހެއްގެ މައްޗަށް ދައުވާ ކުރަން މިހަފްތާގައި ކޯޓަށް ފޮނުވާނެކަމަށް ޕީޖީ ވިދާޅުވިއެވެ.ތިރީސް ހަތް މީހެއް ބަންދުގައި ބަހައްޓަން ޕީޖީ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހޯދަން ފުލުހުން އެދުނު ނަމަވެސް އެ ލިޔުން ދޫކޮށްފައިވާނީ 19 މީހަކު ބަންދުގައި ބަހައްޓަން ކަމަށް ވެސް ޕީޖީ މުހުތާޒް ވިދާޅުވިއެވެ.މޭ މަހުގެ އެއްވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާއާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި، ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ފުލުހުން ހައްޔަރު ކުރިނަމަވެސް އަމީން މިހާރު ވަނީ ދޫކޮށްލާފައެވެ.ޕީޖީ ވިދާޅުވީ ދައުވާކުރަން ފޮނުވި ތިރީސް މީހުންގެ ތެރޭގައި އޭގެން އެއްވެސް ބޭފުޅަކު ނުހިމެނޭކަމަށެވެ. އެ ބޭފުޅުންގެ މައްސަލަތަކުގައި ބައެއް ކަންކަން އިސްލާހުކުރަން ފުލުހުންނަށް އަނބުރާ މައްސަލަ ފޮނުވާލާފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.